ޔޯގާ ހެދުމަކީ ހަރާމް ކަމެއް ކަމަށް ނުބުނެވޭނެ ކަމަށް މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން ރޭ ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ، އިންސާނުންކުރާ ކަންތައްތަކުން ހަރާމް ކަމާއި ހަލާލުކަން ކަނޑައަޅުއްވާ ފަރާތަކީ ހަމައެކަނި މާތް ﷲ ކަމަށާއި އެ ބާރަކީ ރަސޫލު ބޭކަލަކަށްވެސް، ނަބީބޭކަލަކަށްވެސް އަދި އިންސާނަކަށްވެސް އޮންނަ ބާރެއް ނޫން ކަމަށެވެ. އަދި ހަރާމް ކަމަކީ މާތް ﷲ އެކަމެއް ކުރުން މުޅިން މަނާކޮށްފައިވާ ކަންކަން ކަމަށާއި އެކަންތައް އެނގޭނެ ގޮތްތައްވެސް ބަޔާންކޮށްދީފައިވާ ކަމަށް ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އެގޮތުން އެންމެ ފާޅުކަން ބޮޑު ގޮތަކީ ކީރިތި ގުރުއާނުގެ އާޔަތްތަކުން ނުވަތަ މާތް ރަސޫލާގެ ބަސްފުޅަކުން އެކަމެއް ސަރީހަކަށް އެނގެން އޮތުން ކަމަށް މައުމޫން ވިދާޅުވިއެވެ.

އަނެއް ގޮތަކީ ގަރީނާއަކުން އެކަން އެނގުން ކަމަށާއި މިސާލަކަށް އެކަމެއް ނުކުރުމަށް ނުވަތަ އެކަމުން ދުރުހެލިވުމަށް މާތް ﷲ އަންގަވާފައިވާ އެންގެވުމާއި ގުޅިގެން އެކަމަކީ ފާފައެއް ނުވަތަ ޝައިތާނާގެ އަމަލެއްކަމަށް އަންގަވާފައިވުން ކަމަށް މައުމޫން ވިދާޅުވިއެވެ.

މާތް ﷲ ހަރާމްކުރައްވާފައިވާ ކަންތައްތައް އެއްވެސް އޮޅުމެއް ނެތި މީސްތަކުންނަށް އެންގެން އޮތުމުގެ މުހިންމުކަމަށްޓަކައި، އެކަން ކުރަންވީ ގޮތް މާތް ﷲ ވަނީ އެކަލާނގެ ރަސޫލާއަށް އަންގަވާފައިކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ އިސްލާމް ދީނުގައި ހަރާންކޮށްފައިވާ ކަންތައްތަކަށް ނަޒަރުކުރާއިރު، އިސްލާމް ދީނަކީ ލުއިފަސޭހަ ހުރިހާ ޒަމާނަކަށާއި ތަނަކަށް އެކަށީގެންވާ ނިޒާމެއްކަން ސާބިތުކޮށްދެއްވުން ވަރަށް މުހިންމު ކަމަށެވެ. އެއީ ހަރާން ކުރައްވާފައިނުވާ ކޮންމެ ކަމަކީ ހުއްދަ ކަމެއް ކަމުގައި މާތް ﷲ ކަނޑައަޅުއްވާފައިވުމުން ކަމަށް މައުމޫން ވިދާޅުވިއެވެ.

އެންމެހައި ކަންކަމާއި ތަކެތި ހުއްދަވުން ކަމުގައި އިލްމުވެރިން ވިދާޅުވެފައި ވަނީ މާތް ﷲ ބިމުގައި ލައްވާފައިވާހާ ތަކެއްޗެއް ލައްވާފައި ވަނީ އިންސާނުންނަށްޓަކައި ކީރިތި ގުރުއާނުގައި އަންގަވާފައިވާތީ ކަމަށް މައުމޫން ވިދާޅުވިއެވެ.

އެހެންކަމުން މާތް ﷲ ހަރާމް ކުރެއްވިކަން ސާބިތުނުވާ އެއްވެސް ކަމަކީ ހަރާމް ކަމެއްކަމަށް ބުނުމުގެ ހައްގު އެއްވެސް އިންސާނަކަށް ލިބިގެން ނުވާ ކަމަށް މައުމޫން ވިދާޅުވިއެވެ. އަދި އަލަށް އުފެދޭ އާދަކާދަތަކުގެ ތެރެއިންވެސް އެކަމަކީ ހަރާން ކަމެއްކަން ސާބިތުނުވާ ކޮންމެ ކަމެއް ހުއްދަވާނެ ކަމަށް މައުމޫން ވިދާޅުވިއެވެ.

"އެހެންކަމުން ގައުމީ ނުވަތަ އިޖުތިމާއީ މުނާސަބުތައް ފާހަގަކުރުމާއި އިންސާނީ ގުޅުންނަށް ބަދަހިކުރުމަށްޓަކައި ކުރެވޭ ކަންކަމާއި، އުފަން ދުވަސް ފާހަގަ ކުރުމާއި، އެކިއެކި ކުޅިވަޅު ކުޅުމާއި، މުނިފޫހި ފިލުވުމަށް ކުރާ ކަންކަމާއި، އިސްލާމްދީނުގެ އުސޫލުތަކާ ފުށުނާރާގޮތުގެ މަތިން ޔޯގާ ފަދަ ސިއްހީ ނުވަތަ ނަފުސާނީ ދުޅަހެޔޮކަން ބަދަހިކޮށް ވަރުގަދަ ކުރުމަށްޓަކައި ކުރާ ކަސްރަތުތަކާއި، ލަވަކިޔުމާއި، މިޔުޒިކް ކުޅުން ފަދަ ކަންކަމަކީވެސް ހަރާމް ކަންކަމޭ ބުނާނެ ތަނެއް ނެތެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމެއް ކުރުމުގެ ތެރޭގައި ހަރާމް ކަމެއް އެކުލެވިގެންވާނަމަ ނުވަތަ އެކަމަކީ ހަރާމް ކަމަކަށް އަރައިގަތުމަށްޓަކައި ބޭނުން ކުރެވޭ ވަސީލަތަކަށްވާނަމަ އެކަމެއް ހަރާމް ވާނެކަން ޔަގީނެވެ." މައުމޫން ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ގުޅިގެން ޔޯގާގެ ޝަރުއީ ހުކުމާމެދު ގިނަ އިލްމުވެރިންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުން އުފެދިފައެވެ.

ޔޯގާއާ ގުޅޭގޮތުން އަދާލަތު ޕާޓީގެ ފަރާތުން މިދިއަ ހޯމަ ދުވަހު ބުނެފައި ވަނީ، އެއީ ހިންދޫ ދީނުގެ އަޅުކަމެއް ކަމަށާއި އެކަން މުސްލިމުންނަށް ހުއްދަ ނުވާނެ ކަމަށެވެ. އަދި އިލްމުވެރިންގެ ގުޅުމުގެ 100 އަށްވުރެ ގިނަ ޝައިހުން ނެރެފައިވާ ފަތުވާގައިވެސް ވަނީ ޔޯގާ ހެދުމަކީ ހަރާމްކަމެއް ކަމަށެވެ.

ޔޯގާއާ ގުޅޭގޮތުން ހިޔާލުތަފާތުވުން ބޮޑުވެފައިވީ ނަމަވެސް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ ކޮމިޓީ އެކަމާ ގުޅޭ ގޮތުން އަދި އެއްވެސް ވާހަކަ ނުދައްކައެވެ.