ރާއްޖޭގެ އިގުތިސާދީ ދުވެލި ބާރުވަމުން ދިޔަ ނަމަވެސް ބޭރު ފައިސާގެ ރިޒާވް ދަށަށް ދިއުމާއި ދަރަނި ބޮޑުވުމުގެ ނުރައްކާ އަދިވެސް އެބަ އޮތް ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފިއެވެ.
ރާއްޖޭގެ އިގުތިސާދީ ހާލަތު ދެނެގަތުމަށް އައިއެމްއެފްގެ ވަފުދެއް މިދިޔަ މަހުގެ 21-29 އަށް ވަނީ ރާއްޖެ ޒިޔާރަތްކޮށްފަ އެވެ.
އެ ވަފުދުގެ ހޯދުންތަކާއި ދެކޭ ގޮތް ހާމަކޮށް މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޮވިޑަށް ފަހު ފަތުރުވެރިކަން ވަރުގަދައަށް އަލުން ފެށުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދު ކޮވިޑުގެ ބަލިމަޑިކަމުން އަރައިގަންނަމުންދާ ކަމަށެވެ. ނަމަވެސް ބޭރު ފައިސާގެ ރިޒާވް ދަށަށްދާއިރު ސަރުކާރުގެ ކެޕިޓަލް ހަރަދު ބޮޑުވުމާއި ސަބްސިޑީ އިތުރުވުމާއި އިންޓްރެސްޓުގެ ބުރަ އިތުރުވުމުގެ ސަބަބުން ދަރަނީގެ ދަތިކަމުގެ ނުރައްކާ ރާއްޖެއަށް ބޮޑުވެފައިވާ ކަމަށް ބުންޏެވެ.
"މާލީ ގޮތުން ނާޒުކު ކަންތައްތައް އަދިވެސް ގިނަ. އިންފްރާސްޓްރަކްޗާއަށް ކުރާ ހަރަދުތައް ދެމެހެއްޓެނިވި ގޮތެއްގައި ބޮޑުވުމާއި ސަބްސިޑީތައް އިތުރުވުމާއި އިންޓަރެސްޓް ހަރަދުތައް އިތުރުވުމާއި ޓީޗަރުންގެ މުސާރައިގެ ބިލަށް އިސްލާހު ގެނައުމުގެ ސަބަބުން ހަރަދުތަކަށް ކުރިމަތިވަމުންދާ ޕްރެޝަރުތަކުގެ ސަބަބުން 2022 ވަނަ އަހަރު ރާއްޖޭގެ ދަރަނި އިތުރުވެ، ޑަބަލް ޑިޖިޓްގައި ދެމިއޮންނާނެ ކަމަށް ބެލެވެ އެވެ." އައިއެމްއެފްގެ ރިޕޯޓުގައިވެއެވެ.
އައިއެމްފްގެ ބަޔާނުގައި މި އަހަރު ރާއްޖޭގެ އިގުތިސާދު 8.7 ޕަސެންޓަށް ކުރިއަރައިދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި މި އަހަރު ރާއްޖޭގެ އިންފްލޭޝަން 3.1 ޕަސެންޓަށް އަރާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
އައިއެމްއެފުން ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގެ އިގުތިސާދަށް ބޮޑެތި ޑައުންސައިޑް ރިސްކުތަކެއް ވަނީ ކުރިމަތިވެފައެވެ. އެގޮތުން ފަތުރުވެރިކަމުގެ މުހިންމު މާކެޓް ގައުމުތަކުގެ އިގުތިސާދީ ހީނަރުކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ދަށްވެދާނެ ކަމަށާއި އަދި ދުނިޔޭގެ މާލީ ހާލަތު ހަރުކަށިވުމަކީވެސް ރާއްޖޭއަށް ކުރިމަތިވާނެ ނުރައްކަލެއް ކަމަށް ބުންޏެވެ.
އޭގެ އިތުރުން ކުރިއަށް އޮތީ އިންތިހާބު ބާއްވާ އަހަރަށްވުމާއެކު އެކަމުގެ މާލީ ބުރަތަކާވެސް ކުރިމަތިލާންޖެހޭނެކަން އެ ޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ.
އައިއެމްއެފުން ބުނީ، ދުނިޔޭގެ ބާޒާރުގައި ތެލާއި ކާބޯތަކެތީގެ އަގުތައް މައްޗަށް ދިއުމާއި އެކަމަށް އިތުރު ހަރަދުތައް ކުރަންޖެހުމުގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ދަނީ ދަށްވަމުންނެވެ. އަދި ސަބްސިޑީއާއި ކެޕިޓަލް ކޮންޓްރިބިއުޝަން މެދުވެރިކޮށް ދަރަނި އަދާކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސަރުކާރަށް ބަރޯސާވެފައި އޮތުމަކީވެސް ރާއްޖޭގެ މާލީ ހާލަތަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ބުންޏެވެ.
މާލީ ނިޒާމަށް ހުރި ގޮންޖެހުންތައް ކުޑަކުރުމަށް ރިޕޯޓުގައި ފާހަގަކޮށްފައިވާ މުހިންމު ލަފާތަކުގެ ތެރޭގައި ރާއްޖޭގެ އެތެރޭގެ ބާޒާރުން އާމްދަނީ އިތުރުކުރުމާއި ދައުލަތުގެ ހަރަދުތައް، ހާއްސަކޮށް ކެޕިޓަލް ހަރަދުތައް ހަމައަކަށް އަޅުވައި ކޮންމެހެން ކުރަން ޖެހޭ ހަރަދުތައް ނުކުރުން ހިމެނެއެވެ.
އަދި ލުއި ގޮތަކަށް ނޫން ގޮތަކަށް ލިބޭ ދަރަނި މި ދަނޑިވަޅުގައި ނުނެގުމަށާއި އިންޓަރެސްޓްގެ ބުރަ ކުޑަކުރުމާއި އެންމެ ނާޒުކު ފަރާތްތަކަށް އަމާޒުކޮށްގެން އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަބްސިޑީ އިސްލާހުކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުން ވީހާވެސް އަވަހަކަށް ތަންފީޒުކުރުމަށްވެސް އައިއެމްއެފުން ލަފާދީފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު