ތެލުގެ ސަބްސިޑީގެ އުސޫލު ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއުލާންކުރައްވައިފިއެވެ.
ރާއްޖޭގެ 57 ވަނަ މިނިވަން ދުވަހުގެ މުނާސަބާގައި ގައުމާ މުހާތަބުކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ރަޝިޔާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގުތިސޯދަށް ލޮޅުން އަރައި، ތެލުގެ އަގާއި މުދަލުގެ އަގު އުފުލެމުންދިޔަ ނަމަވެސް އެ ބުރަ ސަރުކާރުން އުފުލައި، އެ ބަދަލާ ކައިރިއަށްވެސް ރާއްޖޭގައި ތެލުގެ އަގަށް ބަދަލެއް ނުގެންނަ ކަމަށެވެ.
މިހާރު މަސައްކަތް ކުރަމުން ގެންދަވަނީ، ރާއްޖޭގެ އިގުތިސޯދު ހިފެހެއްޓުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ތެލުގެ ސަބްސިޑީއަށް ބަޖެޓުގައި އަންދާޒާކުރި އަދަދު އެތަށް ގުނައަކުން މަތިވެއްޖެ ކަމަށެވެ.
އެގޮތުން މިހާރު ލަފާ ކުރެވޭ ގޮތުން މިއަހަރުގެ ނިޔަލަށް ޖުމްލަ 1.95 ބިލިއަން ރުފިޔާ ތެލުގެ ސަބްސިޑީއަށް ސަރުކާރުން ހަރަދުކުރަން ޖެހޭނެ ކަމަށާއި އެހެންކަމުން ހާލަތާ ގުޅޭ ގޮތަށް އިގުތިސޯދީ ސިޔާސަތަށް ބަަދަލު ގެންނަންޖެހޭ ކަމަށް ވިދާޅުވިއެވެ.
"ސަރުކާރުންދޭ ތެލުގެ ސަބްސިޑީ، އެންމެ ބޭނުންޖެހިފައިވާ ރައްޔިތުންނަށް ލިބޭނެ ގޮތަށް، ސަބްސިޑީގެ ސިޔާސަތު ބަދަލު ކުރުން މުހިއްމުކަމުގައި އަޅުގަނޑު ދެކެން. މި ބަދަލު ތަންޒީމުކޮށް، ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތް ސަރުކާރުން ފެށިވާހަކަ ދަންނަވަން" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި، ތެލުގެ ސަބްސިޑީ އެންމެ ބޭނުން ޖެހިފައިވާ ރައްޔިތުންނަށް ދިނުމަކީ،. ދުޅަހެޔޮ އިގުތިސޯދީ އޮމާން ދުވެލީގެ ދެމެހެއްޓެނިވި މަގަށް ރާއްޖެ ވާސިލުވުމަށް މިވަގުތު ކޮންމެހެން އުފުލަންޖެހޭ ބުރައެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު