ބައިނަލްއަގުވާމީ ޑިމޮކްރެސީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުން ކުރެހުމުގެ މުބާރާތަކާއި މަޒުމޫނު ލިއުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ދެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާއިރު، މުބާރާތުގައި ބައިވެރިވުމަށް އެކަމަށް ހާއްސަ ފޯމެއް މަޖިލިސް އިދާރާއިން ލިބެން ހުންނާނެއެވެ.

މި މުބާރާތްތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުގެ 14:00ގެ ކުރިން ކުރެހުން ނުވަތަ މަޒުމޫނު ފޮނުވަން ޖެހޭނެ ކަމަށް މަޖިލީހުން ބުނެފައިވެއެވެ.

ތިން އުމުރުފުރާއަކަށް ބަލާހައިގެން ކުރިއަށްގެންދާ މި މުބާރާތުގެ އެއްވަނައަށް 5،000 ރުފިޔާ، ދެވަނަ އަށް 4،000 ރުފިޔާ އަދި ތިން ވަނައަށް 3،000 ރުފިޔާ ލިބޭނެ ކަމަށް މަޖިލީހުން ބުނެއެވެ.

  • 14 އަހަރުން ދަށް
  • 14 އަހަރާ 18 އަހަރާ ދެމެދު
  • 35 އަހަރާ 18 އަހަރާ ދެމެދު
  • 35 އަހަރުން މަތި

މިއިން ކޮންމެ އުމުރުފުރާއަކުން އެއްވަނަ ދެވަނަ ތިންވަނަ ހޮވާނެއެވެ. އެއްވަނައަށް ދާ މީހަކަށް 2،000 ރުފިޔާ ދޭއިރު ދެވަނައަށް ދާ މީހަކަށް 1،500 ރުފިޔާ ދޭނެ ކަމަށާއި އަދި ތިން ވަނައަށް ދާ މީހަކަށް 1،000 ރުފިޔާ ދޭނެ ކަމަށްވެސް މަޖިލީހުން ބުނެއެވެ.

މަޖިލީހުގެ އިދާރާއިން ބުނި ގޮތުގައި މި މުބާރާތް ބާއްވަނީ ރައްޔިތުންގެ މަޖިލީހާއި، މަޖިލީހުގެ މަސައްކަތްތަކަށް ހޭލުންތެރިކުރުވުމާއި ޑިމޮކްރަސީގެ އުސޫލުތަކާއި ހަމަތަކަށް ހޭލުންތެރިކުރުވުމަށެވެ.