މިދިޔަ ޖޫން މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ އަގު 5.2 ބިލިއަން ރުފިޔާއަށް އަރާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހާމަކޮށްފިއެވެ.
ކަސްޓަމްސްއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ޖޫން މަހު ދައުލަތަށް އިމްޕޯޓު އަދި އެކްސްޕޯޓުން ލިބުނު އާމްދަނީ 394 މިލިއަން ރުފިޔާއަށް އަރައެވެ. އެއީ މިދިޔަ އަހަރުގެ އެމުއްދަތުގައި ދައުލަތަށް އިމްޕޯޓު އަދި އެކްސްޕޯޓުން ލިބުނު އާމްދަނީއާ އަޅައި ބަލާއިރު 44 ޕަސެންޓުގެ އިތުރުވުމެކެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ ސީއައިއެފްގެ އަގު މިދިޔަ އަހަރުގެ ޖޫން މަހާ އަޅައި ބަލާއިރު 78 ޕަސެންޓް ވަނީ އިތުރުވެފައެވެ. މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު 5.2 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްގެ ހިސާބުތަކުން ދައްކައެވެ. ޖޫން މަހު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އިމްޕޯޓުކޮށްފައި ވަނީ މެޝިނަރީ އާއި އިލެކްޓްރިކް ސާމާނާއި ކާބޯތަކެތީގެ ބާވަތްތަކާއި ތެލުގެ ބާވަތްތަކެވެ.
މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައި ވަނީ އޮމާން، އިންޑިއާ، ޗައިނާ، ޔޫއޭއީ އަދި މެލޭޝިއާ އިންނެވެ. އެގޮތުން އޮމާން އިން 1.1 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ އިރު، އިންޑިއާ އިން 636 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެއިތުރުން ޗައިނާ އިން 558 މިލިއަން ރުފިޔާގެ މުދާ، ޔޫއޭއީއިން 435 މިލިއަން ރުފިޔާގެ މުދާ އަދި މެލޭޝިއާއިން 428 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.
އެކްސްޕޯޓަށް ބަލާއިރު މިދިޔަ މަހު ރާއްޖެއިން 247 މިލިއަން ރުފިޔާގެ މުދާ ވަނީ ބޭރުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ އަގަށް ބަލައި އިރު 60 ޕަސެންޓުގެ އިތުރުވުމެކެވެ.
މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓުކޮށްފައި ވަނީ ތައިލޭންޑަށާއި ޖަރުމަންވިލާތަށާއި އިނގިރޭސިވިލާތަށާއި އިންޑިއާ އަދި ފްރާންސްއަށެވެ. ރާއްޖެއިން މުދާ ބޭރުކުރި ނިސްބަތަށް ބަލާއިރު އެންމެ ގިނަ މުދާ ބޭރުކޮށްފައިވަނީ ތައިލޭންޑް އަށެވެ. އެއީ ބޭރުކުރި މުދަލުގެ 60 ޕަސެންޓެވެ. ފައިސާއިން ބަލާ ނަމަ 148 މިލިއަން ރުފިޔާއެވެ.
ދެން އެންމެ ގިނަ މުދާ ބޭރުކުރި ޖަރުމަނަށް 10 ޕަސެންޓް މުދާ ވަނީ ބޭރުކޮށްފައެވެ. އަދި ތިންވަނަ އަށް އެންމެ ގިނަ އަދަދަކަށް މުދާ ބޭރުކުރި އިނގިރޭސިވިލާތަށް އަށް ޕަސެންޓުގެ މުދާ ވަނީ ބޭރުކޮށްފައެވެ. ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ބޭރުކޮށްފައިވަނީ ގަނޑުކުރި ކަނޑުމަހުގެ ބާވަތްތަކެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެއަށް މުދާ ހިފައިގެން 93 އުޅަނދެއް އައިސްފައިވެއެވެ. އަދި 114 އުޅަނދެއް ފުރާފައިވެއެވެ. މިދިޔަ މަހު ކަސްޓަމްސް ރޯޔަލްޓީއަށް އެއް މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު