ސްރީ ލަންކާގެ އާ ބޮޑުވަޒީރުގެ މަގާމަށް ޑިނޭޝް ގުނަވަރުދަނާ އައްޔަންކޮށްފިއެވެ.

ލަންކާގެ ބޮޑުވަޒީރު ކަމަށް ރައީސް ރަނިލް ވިކްރަމަސިންހަ މިއަދު އައްޔަންކުރެއްވި، ގުނަވަރުދަނާއަކީ ލަންކާގެ އެންމެ ބޮޑު ޕާޓީ، ސްރީ ލަންކާ ޕޮޑުޕެރަމުނާ ޕާޓީ (އެސްއެލްޕީޕީ)ގެ ސެކްރެޓަރީ ޖެނެރަލްއެވެ.

ގުނަވަރުދަނާ ބޮޑުވަޒީރު ކަމަށް އަައްޔަންކުރުމުގެ ރަސްމިއްޔާތު ކުރިއަށްދިޔަ އިރު، ކޮލަމްބޯގެ ގޯލް ފޭސްގައި މުޒާހަރާކުރަމުން އަންނަ މީހުންނާއި ސަލާމަތީ ބާރުތަކާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގައިފައެވެ.

ރަނިލް ލަންކާގެ ރައީސްކަމުގެ ހުވާކުރެއްވީ އިއްޔެއެވެ. ލަންކާގެ އަށްވަނަ ރައީސްގެ މަގާމަށް އިންތިހާބު ކުރެވުނު ރަނިލް ކުރިއަށް އޮތް ދުވަސްތަކުގައި 20-25 ކެބިނެޓް މެމްބަަރުން އައްޔަންކުރައްވާނެއެވެ.

ލަންކާގެ ރައީސް ކަމަށް ބޭފުޅަކު އިންތިހާބު ކުރުމަށް މަޖިލީހުގައި އިއްޔެ ނެގި ވޯޓުގައި ރަނިލްއާއެކު ދެ ބޭފުޅަކު ކުރިމަތިލެއްވިއެވެ. އެއީ ލަންކާގައި ސަރުކާރު ހިންގާ ޕާޓީ، ސްރީ ލަންކާ ޕޮޑުޕެރަމުނާ ޕާޓީ (އެސްއެލްޕީޕީ)ގެ މަޖިލީހުގެ މެންބަރު އަދި ކުރީގެ މިނިސްޓަރު ދުއްލާސް އަލަހަށްޕެރުމާ އާއި ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ)ގެ ލީޑަރު އަނޫރާ ކުމާރަ ޑިސެނަޔަކައެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި 225 މެންބަރުން ތިއްބަވާ އިރު، ބުދަ ދުވަހު ނެގި ވޯޓު، ރަނިލް ކާމިޔާބުކުރެއްވީ ބޮޑުތަފާތަކުންނެވެ. އެގޮތުން ރަނިލްއަށް 134 ވޯޓު ލިބިވަޑައިގެންނެވިއެވެ. އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސާ ރޭހުން ނުކުންނަވައި ތާއީދުކުރެއްވި ދުއްލާސްއަށް ލިބިވަޑައިގެންނެވީ 82 ވޯޓެވެ. އަދި އަނޫރާއަށް ލިބިވަޑައިގަތީ އެންމެ ތިން ވޯޓެވެ.