ޖޫން މަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 547 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސުން މިއަދު އާންމުކުރި "ވީކްލީ ފައިނޭންޝިއަލް އަފްޑޭޓް ރިޕޯޓު" ގައިވާގޮތުން، މިއަހަރު އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ މާޗު މަހުއެވެ. އެއީ 106 މިލިއަން ރުފިޔާއެވެ. ދެން އެންމެ ގިނައިން ލިބިފައިވަނީ މެއި މަހުއެވެ. މެއި މަހު ލިބިފައިވަނީ 97 މިލިއަން ރުފިޔާއެވެ.

ފެބްރުއަރީ މަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 91 މިލިއަން ރުފިޔާއެވެ. އެޕްރީލް މަހު 87 މިލިއަން ރުފިޔާއެވެ.

ޖޫން މަހަކީ އެންމެ މަދުން ގްރީން ޓެކްސް ލިބުނު މަސް ކަމަށާއި އެ މަހު ލިބުނީ 71 މިލިއަން ރުފިޔާ ކަމަށް ފިނޭންސުން ބުންޏެވެ.

ފިނޭންސުން ބުނީ މިދިޔަ އަހަރު ގްރީން ޓެކްސްގެ ގޮތުގައި 800 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި އެ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 400 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިދިޔަ އަހަރާ ބަލާއިރު މިއަހަރު އިތުރަށް 147 މިލިއަން ރުފިޔާ ގްރީން ޓެކްސްގެ ގޮތުގައި ވަނީ ލިބިފައެވެ.

ސަރުކާރުން ފަށާފައިވާ 38 ޕްރޮޖެކްޓެއް ފައިސާ ހަމަޖައްސާފައިވަނީ ގްރީން ޓެކްސްއިން ކަމަށް ފިނޭންސުން ބުންޏެވެ. އެގޮތުން 408 މިލިއަން ރުފިޔާ، އެ މަޝްރޫއުތަކަށް ހަރަދުކުރާނެ ކަމަށް ފިނޭންސުން ބުންޏެވެ.

ގްރީން ޓެކްސްގެ އާމްދަނީން މި ވަގުތު އެންމެ ބޮޑު ޕްރޮޖެކްޓެއް ހިންގަނީ ހއ. ހަންޏާމީދޫގައެވެ. އެރަށުގެ ފެނުގެ ނިޒާމު ގާއިމް ކުރަން ހަތް މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ފިނޭންސުން ވަނީ ބުނެފައެވެ.

ގްރީން ޓެކްސް ނަގަން އެންމެ ފުރަތަމަ ފެށީ 2015 ވަނަ އަހަރު ރިސޯޓުތަކާއި ހޮޓާތަކުގެ އިތުރުން ސަފާރީތަކުގައި ތިބޭ ބޭރުގެ ޓޫރިސްޓުންގެ އަތުންނެވެ. 2016 ވަނަ އަހަރު ގްރީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނެސް ވަނީ، ދިވެހިންނާއި ރެސިޑެންޓް ވިސާގައި ރާއްޖޭގައި ތިބޭ ބޭރު މީހުން ފިޔަވައި އެހެން ބިދޭސީންގެ އަތުން ދުވާލަކަށް ހަ ޑޮލަރުގެ މަގުން ގެސްޓު ހައުސްތަކުންވެސް ގްރީން ޓެކްސް ނަގަން ފަށައިފައެވެ.