ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ތ. ކިނބިދޫ އަދި ނ. ލަންދޫގައި ކުރިއަށްގެންދިޔަ މަޝްރޫއުތަކުގެ މަސައްކަތް ނިންމާލައިފިއެވެ.

މި ފަންޑުގެ ދަށުން ކިނބިދޫގައި ޕިކްނިކް ބީޗު ތަރައްގީކޮށްފައި ވަނީ ހަޓްތަކާއި ބެންޗު އަދި ބާބަކިއު ހެދޭނެ އިންތިޒާމުގެ އިތުރުން އައުޓްޑޯ ޝަވާއެއް ހިމެނޭ ގޮތަށެވެ. މި ތަން ތަރައްގީކޮށްފައި ވަނީ އާއްމުންގެ އިތުރުން ކިނބިދޫ ސްކޫލުގެ ދަރިވަރުންނަށްވެސް ބޭނުންކުރެވޭ ގޮތަށެވެ.

ލަންދޫގައި ތަރައްގީ ކުރި ބާބަކިއު ސަރަހައްދުގައިވެސް ހަޓްތަކާއި އިށީންނާނެ ތަންތަން ހަދާފައިވާ އިރު، އެ ތަނުގައި ކެންޓީނަކާއި ކުޑަ ލައިބްރަރީއެއްގެ އިތުރުން ސްޓޯރޭޖް އޭރީއާއެއްވެސް ވަނީ ހަދައިފައެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.

ބީއެމްއެލުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 65 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ދީފައެވެ. މި ފަންޑުގެ ދަށުން މިހާރު ކުރިއަށްދަނީ މި އަހަރުގެ ދެވަނަ ކުއާޓަރުގައި ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތެވެ.