ތައުލީމީ ދާއިރާގެ ސިޔާސަތަށް ގެނެވުނު ބަދަލާ އެއްގޮތަށް ކުރެވޭ މަސައްކަތާއި ކުރެވޭ ހޭދައިގެ ނަތީޖާ ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޕްރެޒިޑެންޓް ސްކޮލާޝިޕް އެންޑް ހައި އެޗީވާސް ސްކޮލާޝިޕް ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކުރުމަށް ގިޔާސުއްދީން ސްކޫލުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގައުމިއްޔަތުގެ ގަހުގައި އަޅާނެ އެންމެ ފޮނި މޭވާއަކީ ތައުލީމީ ދަރިން ކަމަށާއި އެންމެ މަތީ ދަރަޖައަށް ދަރިންނަށް ކިޔެވުމުގެ ފުރުސަތު ލިބުމަށް ކޮންމެ ރައްޔިތަކުވެސް ބޭނުންވާނެ ކަމަށެވެ. އެހެންކަމުން ރައްޔިތުން ބޭނުންވާ ގޮތަށް ގައުމުގެ ސިޔާސަތުތައް ބިނާކުރުމަކީ ސަރުކާރުތަކުން ކުރަންޖެހޭނެ ކަމެއް ކަމަށާއި އެ ސަބަބަށްޓަކައި ތައުލީމީ، ހުނަރުވެރި ޖީލެއް ބިނާކުރުމަކީ މިވަގުތު ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"މިގޮތުން އިބްތިދާއީ ތައުލީމުގެ މަރުހަލާތައް ފުރިހަމަކުރެވޭނެ ފުރުސަތު ހަމަހަމަކަމާއެކު އޮންނަންޖެހޭ. އެ ކުއްޖަކު ދިރިއުޅޭ ރަށަކުން ތައުލީމު ހާސިލުކުރެވޭނެ މަގު އިރާދަކުރެއްވިއްޔާ މިވަނީ ފަހިކޮށްދީފައި. އެކަމަށްޓަކައި ސެޓެލައިޓް ސްކޫލް ފަދަ އީޖާދީ ވިސްނުންތަކުގެ އަލީގައި ކުޑަ ރަށެއް އަދި ބޮޑު ރަށެއް ތަފާތު ނުވާނެ މަރުހަލާއަކަށް މިވަނީ އާދެވިފައި. އެ އިންތިޒާމުގެ ދަށުން ދަރިވަރުންނަށް އުނގަންނައިދިނުމުގެ ކަންކަން މި ސަރުކާރުން ވާނީ ހަމަޖައްސާފައި،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އުނގަންނައިދިނުމުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ މުދައްރިސުންނާއި ޕްރިންސިޕަލުންގެ ކިބައިގައި ނެތް ގާބިލުކަމަކާއި ހުނަރެއް ދަރިވަރުންނަށް ހޯދައި ނުދެވޭނެ ކަމަށެވެ. އެކަމަށްޓަކައި އުގަންނައިދިނުމުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެމުންގެންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ސިޔާސަތަށް ގެނެވުނު ބަދަލާ އެއްގޮތަށް ކުރެވޭ މަސައްކަތާއި އަދި މި ކުރެވޭ ހޭދައިގެ ނަތީޖާ ފެންނަނީ ވަރަށް އުޖާލާކޮށް. އެއްކަމަކީ އެއް އަހަރުން އަނެއް އަހަރަށް ހައި އެޗީވާސް ސްކޮލާޝިޕް ހާސިލުކުރާ ދަރިވަރުންގެ އަދަދު އިތުރުވަމުން އަންނަކަން. އިލްމާއި ހުނަރުން މުއްސަނދިވެފައިވާ މި ޒުވާނުން ގައުމީ ހިދުމަތުގައި އަތުކުރި އޮޅައިލުމަކީ ރާއްޖޭގެ ތަރައްގީއަށް ކޮށޭނެ އެންމެ އަލި މަގު،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުން ތައުލީމާއި ހުނަރު ލިބިގަތުމުގެ ގިނަ ފުރުސަތުތަކެއް ދިވެހި ދަރިވަރުންނަށް ފަސޭހަކަމާއެކު ހޯދައިދިނުން ކަމަށެވެ. އެގޮތުން ހުނަރުވެރި ޒުވާނުން ތަމްރީނުކުރުމުގެ ފުރުސަތު ރާއްޖޭގައި އިތުރުކުރެވިއްޖެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިހާތަނަށް ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕް ހޯދާފައިވާ ދަރިވަރުން މަތީ ތައުލީމުގެ ދާއިރާތަކުގައި ހާސިލުކުރަމުން އަންނަނީ ވަރަށް ފޮނި ކާމިޔާބީތަކެއް ކަމަށެވެ. މީގެ ތެރެއިން ގިނަ ދަރިވަރުން ސިއްހީ ދާއިރާއިން ތައުލީމު ހާސިލުކުރަމުން ގެންދާކަމީ ގައުމުގެ ކުރިމަގަށްޓަކައި އެ ކުދިން އެޅި ރަނގަޅު ފިޔަވަޅެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ތިޔަ ދަރިވަރުންނަށް ބުނެލަން އޮތްހާވެސް ވާހަކައަކީ އަބަދުވެސް ގައުމާ ދޭތެރޭގައި ވިސްނާ ޒުވާނުންތަކަކަށް ވާން އެބަޖެހެޔޭ. ގައުމު މިހާރު އޮތް ހާލަތުން އެއަށްވުރެ ރަނގަޅު ހާލަތަކަށް ބަދަލުކޮށްލެވޭނެ ގޮތަކާމެދު އަބަދުވެސް ފިކުރު ހިންގާށޭ. އެ ބަދަލު ގައުމަށް ގެނެވޭނީ ތިޔަ ދަރިވަރުންގެ ސިކުނޑީގެ ތެރޭގައި އެ ބަދަލު އުފަންކުރުވައިގެން،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ކޮންމެ ބިމެއްގައި، ކޮންމެ ސަގާފަތެއްގެ ތެރޭގައި އުޅެން ޖެހުނަސް، އިސްލާމްދީނުގެ ސައްހަ އަގީދާއަށްވުރެ ބޮޑަށް ހިތު މިސްރާބު ސީދާކޮށްދޭނެ އެހެން ސަމުގާއެއް ނުފެންނާނެ ކަމަށެވެ. އަދި ދެ ދުނިޔޭގެ ބާއްޖަވެރިކަމާއި ހިތްހަމަޖެހުން ހާސިލުކުރެވޭނީ ދީނީ ކަންކަމަށް ފަރުވާތެރިކަން ބެހެއްޓި މިންވަރަކުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު