ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން މިއަދު ބުނީ، ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްވިޔަސް އުދައަރާފާނެ ކަމަށް ލަފާނުކުރެވޭ ކަމަށެވެ. އަދި އަންނަ އަންގާރަ ދުވަހު މޫސުން ރަނގަޅުވިޔަސް އެ ދުވަހު ވެސް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އަންނަ ހުކުރު ނުވަތަ ހޮނިހިރު ދުވަހު މޫސުން ރަނގަޅުވާން ފަށާނެ ކަމަށްވެސް ބުންޏެވެ.
މެޓް އޮފީހުން ބުނީ، މިހާރު ކުރަމުންދާ ވިއްސާރައަކީ އީކުއޭޓާގެ ހުޅަނގު ދެކުނުގައި ސާކިއުލޭޝަނެއް އުފެދި ހުޅަނގާއި ހުޅަނގު ދެކުނު އަތޮޅުތަކާ ދިމާލަށް ވިލާތައް ކައިރިވަމުންދާތީ ކުރާ ވިއްސާރައެއް ކަމަށެވެ.
"މި ވިއްސާރައިގައި އެންމެ ގިނައިން ވާރޭ ވެހޭނީ ދެކުނާއި މެދު ރާއްޖޭގެ އަތޮޅުތަކަށް. އެހެން ހިސާބުތަކަށް ވެސް އާދައިގެ މިނަށްވުރެ ކަނޑުގަދަވެ ވައިގަދާވާނެ. ވާރޭ ވެސް ވެހޭނެ ކަމަށް ލަފާކުރަނީ،" މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން މިރޭ ވަނީ މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައެވެ. އެގޮތުން މިރޭ 8:45 އިން ދަންވަރު 2:45އަށް ބޯކޮށް ވާރޭވެހި، 45 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ބާރަށް ގުގުރާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
މިއަދު ހަވީރު މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެރެފައެވެ. އެލާޓް ނެރެފައިވަނީ މިރޭ 8:45 އާ ހަމައަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު