ސްރީލަންކާގެ ރައީސްކަމަށް އިދިކޮޅު ލީޑަރު ސަޖިތު ޕުރަމަދާވެސް ވާދަކުރައްވަން ނިންމަވައިފިއެވެ.
ސަޖިދު ވަނީ ވެރިކަމަށް އިންތިހާބުވެވަޑައިގެންފިނަމަ، އެގައުމުގައި ހުދުމުހުތާރު ވެރިކަމެއް ކުރަން ފުރުސަތު ނުދެއްވާ ކަމަށް ވިދާޅުވެފައެވެ. ސަޖިތުއަކީ ސަމާގި ޖަނާ ބަލަވެގަޔާ(އެސްޖޭބީ)ގެ ލީޑަރެވެ.
ސްރީލަންކާގެ ރައީސްގެ މަގާމު ހުސްވެފައި މިވަނީ، ރައީސްކަމުގައި ހުންނެވި ގޮތަބަޔާ ރާޖަޕަކްސަ އިސްތިއުފާދެއްވުމުންނެވެ. އެމަނިކުފާނި އިސްތިއުފާ ދެއްވުމުން ލަންކާގެ ވަގުތީ ރައީސަކަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންގްހާ ވަނީ އައްޔަންކޮށްފައެވެ.
ގޮތަބަޔާ ގައުމުން ބޭރުގައި ހުންނަވައި ވަގުތީގޮތުން ރައީސްގެ މަގާމު ރަނިލްއަށް ދެއްވީ މިދިޔަ ބުދަ ދުވަހުއެވެ. ނަމަވެސް އިއްޔެގެ ވަގުތެއްގައި ގޮތަބަޔާ އިސްތިއުފާ ދެއްވައި އެ އިސްތިއުފާ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން މިއަދު ވަނީ ބަލައިގަނެފައެވެ.
ލަންކާގައި ވެރިކަން ކުރާ ޕާޓީ، ދަ ސްރީލަންކާ ޕޮޑުޖަނާ ޕެރަމައުނާ (އެސްއެލްޕީޕީ) އިން އިއްޔެ ނިންމާފައި ވަނީ ރައީސް ކަމުގެ މަގާމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންގްހާ ގެނައުމަށެވެ. އެސްއެލްޕީޕީއަކީ ކުރީގެ ރައީސް ގޯތާބަޔާ ރާޖަޕަކްސާ އާއި ކުރީގެ ބޮޑު ވަޒީރު މަހިންދާ ރާޖަޕަކްސާވެސް ނިސްބަތްވެވަޑައިގަންނަވާ ޕާޓީއެވެ.
ރަނިލްއަށް އެސްއެލްޕީޕީއިން ތާއީދުކުރަން ނިންމާފައިވާއިރު، އެޕާޓީގެ ދުއްލާސް އަލަހަށްޕެރުމާ ވެސް ރައީސް ކަމަށް ކުރިމަތި ލައްވާނެ ކަމަށް ވަނީ އިއުލާނު ކުރައްވައިފައެވެ. އަދި އޭނާއަށް ތާއީދުކުރުމަށް އެ ޕާޓީގެ ޗެއާމަން ޕްރެފެސަރު ޖީއެލް ޕީރީސް ވަނީ ގޮވާލައްވައިފައެވެ.
ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި 225 މެމްބަރުން ހިމެނޭއިރު، އެސްއެލްޕީޕީގެ 114 މެމްބަރުން ތިއްބަވައެވެ. މަޖިލީހުގެ އަޣުލަބިއްޔަތަކީ 113 މެމްބަރުންނެވެ.
ގޮތަބަޔާ އާއި އަނބިކަނބަލުން އަދި ދެ ބޮޑީގާޑުން ލަންކާގެ އެއާފޯސް މަތިންދާބޯޓެއްގައި ރާއްޖެ ވަޑައިގަންނެވީ އަންގާރަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައެވެ.
ގޮތަބަޔާ ރާއްޖެއިން ފުރާވަޑައިގެންފައިވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައެވެ. އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގެންފައިވަނީ ސައުދީ ބޯޓެއްގައެވެ. އަދި ސިންގަޕޫރަށް ވަޑައިގެންނެވުމާއެކު އެމަނިކުފާނު ވަނީ އިސްތިއުފާގެ ސިޓީ ހުށަހަޅުއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު