ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ އިސްތިއުފާ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން މިއަދު ބަލައިގެންފިއެވެ.

ލަންކާގެ ނޫސްތަކުން މިއަދު ވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔާޕާ އަބޭވަރުދަނާއާ ހަވާލާދީ އެކަން ކަށަވަރުކޮށްދީފައެވެ. އަދި ގާނޫނީ ގޮތުން ގޮތަބަޔާ އިސްތިއުފާ ދެއްވާފައިވާ ކަމަށް އޭނާއާ ހަވާލާދީ ލަންކާ ނޫސްތަކުން ވަނީ ބުނެފައެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މާދަމާ މަޖިލީހުގެ ޖަލްސާއެއް ބާއްވައި، އާ ރައީސަކު ހޮވުމުގެ ކަންކަން ފަށައިގަތުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ހަތް ދުވަހުގެ ތެރޭގައި އާ ރައީސަކު ހޮވުމަށް މަޖިލީހުން މަސައްކަތް ކުރާނެ ކަމަށާއި އެކަމަށް ހުރިހާ ޕާޓީތަކުގެ ތާއީދަށް އޭނާ ވަނީ އެދިވަޑައިގަންނަވައިފައެވެ.

ލަންކާގެ ރައީސްގެ މަގާމުން ގޮތަބަޔާ މިދިޔަ ބުދަ ދުވަހު އިސްތިއުފާ ދެއްވާނެ ކަމަށް ކުރިން އިއުލާން ކުރެއްވި ނަމަވެސް ފަހުން އިސްތިއުފާދެއްވައިފައެއް ނުވެއެވެ. އޭގެ ބަދަލުގައި ލަންކާގެ ވަގުތީ ރައީސްގެ މަގާމަށް ގޮތަބަޔާ ވަނީ ބޮޑުވަޒީރުގެ މަގާމު ފުރުއްވަމުން ގެންދަވާ ރަނިލް ވިކްރަމަސިންހަ ހަމަޖައްސަވައިފައެވެ.

ގޮތަބަޔާ އާއި އަނބިކަނބަލުން އަދި ދެ ބޮޑީގާޑުން ލަންކާގެ އެއާފޯސް މަތިންދާބޯޓެއްގައި ރާއްޖެ ވަޑައިގަންނެވީ އަންގާރަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައެވެ.

ގޮތަބަޔާ ރާއްޖެއިން ފުރާވަޑައިގެންފައިވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައެވެ. އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގެންފައިވަނީ ސައުދީ ބޯޓެއްގައެވެ. އަދި ސިންގަޕޫރަށް ވަޑައިގެންނެވުމާއެކު އެމަނިކުފާނު ވަނީ އިސްތިއުފާގެ ސިޓީ ހުށަހަޅުއްވައިފައެވެ.

ގޮތަބަޔާ އިސްތިއުފާ ދެއްވުމާ ގުޅިގެން ލަންކާގެ ރައްޔިތުން ގެންދަނީ އެކި ސަރަހައްދުތަކުގައި އުފާ ފާޅުކުރަމުންނެވެ.