ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ، ސިންގަޕޫރަށް ވަޑައިގެންނެވުމަށްފަހު، ލަންކާގެ ރައީސްކަމުން އިސްތިއުފާ ދެއްވައިފިއެވެ.

އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދާ ޔަޕާ އަބޭވަރްދެނާ ހަވާލާދީ ލަންކާގެ ނޫސްތަކުން ދެންމެ ބުނީ މަގާމުން އިސްތިއުފާ ދެއްވައި އެކަމުގެ ލިޔުން ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ފޮނުއްވާފައިވާ ކަމަށެވެ.

ލަންކާގެ ރައީސްގެ މަގާމުން ގޮތަބަޔާ އިއްޔެ އިސްތިއުފާ ދެއްވާނެ ކަމަށް ކުރިން އިއުލާން ކުރެއްވި ނަމަވެސް ފަހުން އިސްތިއުފާދެއްވައިފައެއް ނުވެއެވެ. އޭގެ ބަދަލުގައި ލަންކާގެ ވަގުތީ ރައީސްގެ މަގާމަށް ގޮތަބަޔާ ވަނީ ބޮޑުވަޒީރުގެ މަގާމު ފުރުއްވަމުން ގެންދަވާ ރަނިލް ވިކްރަމަސިންހަ ހަމަޖައްސަވައިފައެވެ.

ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދާ ޔަޕާ އަބޭވަރްދެނާ މިއަދު ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް ދެން ބޭއްވޭނީ ރައީސްކަމުގެ މަގާމުން ގޮޓަބަޔާ ރާޖަޕަކްސަ އިސްތިއުފާ ދެއްވާ އެކަމުގެ ލިޔުން ލިބިވަޑައިގަތުމުން ކަމަށެވެ. އަދި ލިޔުން ލިބިވަޑައިނުގަތުމުން ގާނޫނުގައިވާ ގޮތަށް ކުރިއަށް ދިއުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ގޮތަބަޔާ އާއި އަނބިކަނބަލުން އަދި ދެ ބޮޑީގާޑުން ލަންކާގެ އެއާފޯސް މަތިންދާބޯޓެއްގައި ރާއްޖެ ވަޑައިގަންނެވީ އިއްޔެރޭ ދަންވަރުގެ ވަގުތެއްގައެވެ.

ގޮތަބަޔާ ރާއްޖެއިން ފުރާފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގެންފައިވަނީ ސައުދީ ބޯޓެއްގައެވެ.

އެގައުމުގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ގޮތަބަޔާ އެ ގައުމަށް އެތެރެވަފައި ވަނީ އަމިއްލަ ދަތުރުފުޅެއްގައި ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ އެމަނިކުފާނު އެގައުމުގެ ހިމާޔަތަށް އެދިވަޑައިގެންފައިނުވާ ކަމަށާއި އެގައުމަކީ އެއްވެސް ފަރާތަކަާށް ހިމާޔަތްދޭ ގައުމެއް ނޫން ކަމަށެވެ.