އަމިއްލަ ގައުމުން ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވި ސްރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ މިރޭ ފުރާވަޑައިނުގަންނަވާކަން އެނގިއްޖެއެވެ.

ގޮތަބަޔާ އާއި އަނބިކަނބަލުން އަދި ދެ ބޮޑީގާޑުން ލަންކާގެ އެއާފޯސް މަތިންދާބޯޓެއްގައި ރާއްޖެ ވަޑައިގަންނެވީ ރޭ ދަންވަރެވެ. ނަމަވެސް ސިންގަޕޫރުން ހިމާޔަތް ހޯއްދަވައިގެން ގޮތަބަޔާ މިރޭ ސިންގަޕޫރަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރި އެވެ. ރިޕޯޓްތައް އޭރު ބުނި ގޮތުން، ގޮތަބަޔާ ފުރާވަޑައިގަންނަވަން ހަމަޖެހިފައި އޮތީ މިރޭ 11:25 ގައި ތާވަލުކޮށް އޮތް ސިންގަޕޫރު އެއާލައިންސްގެ ފްލައިޓުންނެވެ.

ނަމަވެސް އެ ފްލައިޓުގައި ގޮތަބަޔާ ފުރާވަޑައިނުގަންނަވާކަން ވަނީ އެނގިފައެވެ. ލަންކާގެ ޑެއިލީ މިރާ ނޫހުގައި ބުނެފައިވާ ގޮތުން, ގޮތަބަޔާ އެ ފްލައިޓުގައި ފުރާވަޑައިނުގެންނެވީ ސަލާމަތީ ސަބަބުތަކަކާ ގުޅިގެންނެވެ. އެހެންކަމުން ގޮތަބަޔާ މިހާރު ގެންދަވަނީ ޕްރައިވެޓް މަތިންދާބޯޓެއް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުން ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ. މި މައުލޫމާތު އިންޑިއާގެ ބައެއް ނޫސްތަކުގައިވެސް ރިޕޯޓްކޮށްފައިވެއެވެ.

ގޮތަބަޔާ ރާއްޖެއިން ފުރާވަޑައިގަންނަވާތީ އެއާޕޯޓުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާ ކަމަށްވެސް ބައެއް މީޑިއާތަކުން ރިޕޯޓްކުރިއެވެ. ނަމަވެސް އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ހައްޖުގެ އަޅުކަމަށް ސައޫދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅަށް ފަހު ވަޑައިގަންނަވާތީ ކުރި ކަމެކެވެ.

ލަންކާގެ ރައީސްގެ މަގާމުން ގޮތަބަޔާ މިއަދު އިސްތިއުފާ ދެއްވާނެ ކަމަށް ކުރިން އިއުލާން ކުރެއްވި ނަމަވެސް އަދިވެސް އެކަމެއް ނުކުރައްވައެވެ. އޭގެ ބަދަލުގައި ލަންކާގެ ވަގުތީ ރައީސްގެ މަގާމަށް ގޮތަބަޔާ ވަނީ ބޮޑުވަޒީރުގެ މަގާމު ފުރުއްވަމުން ގެންދަވާ ރަނިލް ވިކްރަމަސިންހަ ހަމަޖައްސަވައިފައެވެ.