ގިނަ އަދަދެއްގެ ބަޔަކާއެކު އެއް ޖިންސިން ގުޅުން ހިންގި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރި ހައްޔަރުކޮށްފިއެވެ.
އެކަން "ވަން" އަށް ކަށަވަރުކޮށްދެމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ، ގިނަ އަދަދެއްގެ ބަޔަކު ބްލެކްމެއިލް ކުރި މައްސަލައާއި އެއްޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެން އަލަމްގިރި މިއަދު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
އެކަމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ނުދިން ނަމަވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި އަލަމްގިރި ހައްޔަރުކުރީ އޭނާ މިހާރު ދިރިއުޅެމުންދާ ގެސްޓްހައުސްއިންނެވެ. އެއީ ކޮން ގެސްޓްހައުސްއެއް ކަމެއް ނޭނގެއެވެ.
އަލަމްގިރި މިއަދު ހައްޔަރުކުރި އިރު، އޭނާގެ ޕާސްޕޯޓް އޮތީ ހިފަހައްޓައިފަ އެވެ. އަދި މީގެ ކުރިން އޭނާ ފުލުހަށް ހާޒިރުކޮށް ސުވާލުވެސް ކޮށްފައިވެއެވެ.
އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގި ތިން މީހެއްގެ ވީޑިއޯ މިހާތަނަށް ވަނީ ލީކުކޮށްލައިފައެވެ. އޭގައި ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު ކަމަށް ބުނާ މީހަކާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އަދި ފުލުހުންގެ ޑްރަގް އެންފޯސްމެންޓު ޑިޕާޓުމެންޓުގައި މަސައްކަތްކުރާ ފުލުހެކެވެ.
މި ތިން މީހުންގެ ތެރެއިން ކާނަލް އަދި ނާޒިމްގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓައިފައެވެ. އަދި ވީޑިއޯ ލީކުވި ފުލުސް މީހާ ވަނީ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު