މިދިޔަ ހަފްތާގައި މާލެއިން ފެނިގެން ދިޔައީ ފަހުގެ ތާރީހެއްގައި މާލޭގައި ހިނިގި އެންމެ ނުރައްކާތެރި އެއް މަގުމަތީ އެކްސިޑެންޓެވެ. ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓިގެން ގޮސް އެމްޓީސީސީ ބަހެއްގައި ޖެހި ދެ އުޅަނދަށްވެސް އެކި ވަރުގެ ގެއްލުން ލިބުނު އިރު އެ ހާދިސާގައި ޒުވާނެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އިތުރު ހަތަރު މީހުންނަށް ސީރިއަސް އަނިޔާލިބި އަދިވެސް ހޮސްޕިޓަލުން ފަރުވާދެމުން އަންނައިރު އެކްސިޑެންޓްވި ކާރުވެސް އޮތީ ބޭނުން ނުކުރެވޭ ހާލުގައެވެ.
އެ ނޫނަސް އެމްޓީސީސީ ބަސްތަކުގައި ޖެހިގެން، ސީރިއަސް ނޫނަސް ގިނަ އެކްސިޑެންޓްތަކެއް ހިނގާ މަންޒަރު ފެނެ އެވެ. ގިނަ މީހުންނަށް ގޯސްވަނީ ބަހެވެ. މާލޭގައި ބަސްތައް މާގިނައީއޭ ބައެއް މީހުން ބުނަމުންދާއިރު މިއިން އެއްވެސް އެކްސިޑެންޓެއް ހިނގަން މެދުވެރިވި އަސްލު ސަބަބާ މެދު ވިސްނަނީ މަދު ބައެކެވެ.
މައްސަލައަކީ އަހަރުމެންނަށް ބަހާ އެކީ މަގު ބޭނުންކުރަން ނޭނގުމެވެ. އެއީ ދިވެހިން މިހާރު ދަސްކުރަންވެއްޖެ ކަމެކެވެ.
އެންމެ އާއްމުކަމަކަށް ފެންނަނީ ބަސް އޮންނަ ލޭނުން އޯވާ ޓޭކް ކުރުމުވެ. ބަސް ދުއްވާފައި ދާއިރު އޯވާ ޓޭކް ނުކުރުމަށް އެމްޓީސީސީން އަންނަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ. އެއީ ބަހުގެ ކޫރުން އެޅިދާނެތީއެއް ނޫނެވެ. އޯވާޓޭކް ކުރާ އުޅަނދާއި އުޅަނދުގައި ތިބޭ މީހުންނާއި ބަހުގައި ތިބޭ ޕަސެންޖަރުން އަދި މަގު ދެން ބޭނުންކުރާ މީހުންގެ ސަލާމަތަށެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމއ އާޒިމް ވިދާޅުވިގޮތުގައި އެ ކުންފުނިން ރަށްޔިތުންނަށް ރަނގަޅު ބަހުގެ ހިދުމަތެއް ދެވޭނީ މަގުގައި ވެހިކަލްތައް ދުއްވާ އެހެން ފަރާތްތަކުން ގަވައިދުތަކަށް ރަނގަޅަށް އަމަލު ކުރާ ނަމައެވެ.
އެންމެ ފުރިހަމަ ހިދުމަތެއް ދީ ޕަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމްޓީސީސީން އެތައް މަސައްކަތެއް ކުރެ އެވެ. އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބަސް ޑްރައިވަރުން ތަމްރީން ކުރާއިރުގައި 30 ދުވަހު މަގުތަކަށް ބަސް ނެރެގެން އެ މީހުން ލައްވައި ދުއްވާ ކަމަށް އެކުންފުނިން ބުންޏެވެ. އަދި ޑްރައިވަރުންގެ ފަރާތުން ބަސް ދުއްވަން ރަނގަޅަށް އެނގޭ ކަމުގެ ޔަގީންކަން ނުލިބޭހާ ހިނދަކު އެ މީހުން އަމިއްލަށް ބަސްތައް ދުއްވާނެ ފުރުސަތު ނުދޭ ކަމަށް ވެސް އެމްޓީސީސީން ބުންނެވެ.
މީގެ އިތުރުންވެސް ޑިއުޓީ ކުރާ ޑްރައިވަރުން ދުވާލަކު ފަސް ގަޑިއިރަށްވުރެ އިތުރަށް ބަސް ނުދުއްވާނެ ކަމަށާއި ބަސް އޮޕަރޭޝަންތައް ބަރާބަރަށް ދެނެގަތުމަށް ބަސްތަކުގައި މޮނިޓަރިންގެ ސިސްޓަމްތައް ހަރުކޮށްފައި ހުންނާނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.
"އެމަޖަންސީ ހަލާތްތަކާއި އެކްސިޑެންޓްތަކުގައި އަމަލު ކުރާނެ ގޮތުގެ ތަމްރީން އަޅުގަނޑުމެންގެ ސްޓާފުންނަށް އަންނަނީ ދެމުން. އަޅުގަނޑުމެން ބަހުގެ ހިދުމަތްދޭން މަގު މައްޗަށް މި ނިކުންނަނީ ރަނގަޅަށް ތައްޔާރުވެގެން." އެމްޓީސީސީއިން ބުންޏެވެ.
އެމްޓީސީސީން އިލްތިމާސް ކުރަނީ ބަހުގެ ކައިރިން އޯވާ ޓޭކް ނުކުރުމަށާއި ނުގަވައިދުން ޕާކް ނުކުރުމަށެވެ. އަދި ބޮޑެތި އުޅަނދުތަކުގެ ބްލައިންޑް ސްޕޮޓްތަކަށް ސަމާލުވުމަށް ވެސް އިލްތިމާސް ކޮށްފައި ވެއެވެ.
ތެދެކެވެ. އެމްޓީސީސީއަށް އެންމެ ރައްކާތެރި އެންމެ އަރާމު އުޅަނދުތައް ގެނެވިދާނެ އެވެ. އެންމެ މަތީ ޓްރެއިނިން ދީ ގާބިލު ޑްރައިވަރުން ތަމްރީނުވެސް ކުރެވިދާނެ އެވެ. ރައްކާތެރިކަމުގެ ބޭނުމުގައި އެންމެ ހައިޓެކް ގެޖެޓްތައް ވެސް އިންސްޓޯލް ކުރެވިދާނެއެވެ. އެކަމަކު މަގުމަތީގައި އެންމެންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އަޅާ އެއިން އެއްވެސް ފިޔަވަޅެއް އާއްމުންގެ އެހީއާ ނުލައި ފުރިހަމައެއް ނުވާނެ އެވެ.
މަގު ކިތަންމެ ފުޅާވެފަ ޖާގަ ތަނަވަހަސް، އަދި ކިތަންމެ ހަނިވެެފައި ބާރުބޮޑުވިޔަސް ބަސް ފަދަ ބޮޑެތި އުޅަނދުގެ "ބްލައިންޑް ސްޕޮޓް" އަށް އެރުމުން އޭގައި އިންނަ ޑްރައިވަރަށް ނުފެންނާނެއެވެ. ހަނި ތަންކޮޅެއް ފެންނަ އިރަށް ހަރުފައެއްހެން ބަސް ކައިރިން އޯވާޓޭކް ކޮށްފަ ދާއިރު ގިނަފަހަރު އެ ވެހިކަލެއް ބަސް ޑްރައިވަރަށް ފެންނާނީވެސް ބަހާ ވަރަށް ކައިރިވުމުންނެވެ. ނޫނީ އޯވާ ޓޭކް ކުރާ ފަހުންނެވެ.
ސައިކަލުގަ ނުވަތަ ކާރެއްގައި އިންނައިރު މުޅި މަގު އެއްކޮށް ފެންނަހާ ފަސޭހަކޮށް ބަސްފަދަ ބޮޑެތި ވެހިކަލް ތަކުގެ ޑްރައިވަރުންނަށް ނުފެންނާނެ ކަން އޯވާޓޭކް ކުރާ މީހާ އަމިއްލައަށް ދަންނަން ޖެހެ އެވެ. ފަޅި ސިކުންތަކަށްވެސް ތިމާ އާއި މަގުމަތި ބޭނުންކުރާ އެހެން މީހުން ނުރައްކަލަކަށް ހުށަހެޅުމުގެ ކުރިން ދެވަނަ ވިސްނުމެއް ވިސްނާލައި ފަރުދީ ޒިންމާ އިސްކުރުން މުހިންމެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް