ސްރީލަންކާގެ ސަރުކާރާ ދެކޮޅަށް މިއަދު ކުރަމުންދާ ބޮޑު މުޒާހަރާގެ ބައިވެރިން ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ ގެކޮޅަށާއި އޮފީހަށް ވަދެގެންފިއެވެ.

ލަންކާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ލަންކާގައި މުޒާހަރާއަކަށް ތައްޔާރުވުމާއެކު، ވެރިރަށް ކޮލަމްބޯ ހިމެނޭ ގޮތަށް ހަތް ސަރަހައްދެއްގައި ވަނީ ކާފިއު އިއުލާނުކޮށްފައެވެ. ނަމަވެސް މިއަދު އެ ކާފިއު އުވާލުމާއެކު މުޒާހަރާގެ ބައިވެރިން ވަނީ ލަންކާގެ ގަވަމެންޓް ޑިސްޓްރިކްޓަށް ނުކުމެ ގޮޓަބަޔަ ރާޖަޕަކްސަގެ ގެކޮޅާއި އޮފީސް ކައިރިއަށް ޖަމާވެ މުޒާހަރާކުރަން ފަށައިފައެވެ.

މި މުޒާހަރާގައި ސަލާމަތީ ބާރުތަކާއި އާންމުންގެ ކުރިމަތިލުންތަކެއް ހިނގި ނަމަވެސް މުޒާހަރާގެ ބައިވެރިން ވަނީ ސަލާމަތީ ބާރުތަކުގެ ސަފުތައް ފޫއަޅުވާލައި ފަސޭހަކަމާއެކު ރައީސްގެ ގެކޮޅަށާއި އޮފީހަށްވެސް ވަދެގެންފައެވެ.

ލަންކާގެ ޑިފެންސް މިނިސްޓްރީގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މުޒާހަރާގެ ކުރިން އިއްޔެ ގޮޓަބަޔަ ރާޖަޕަކްސަ ވަނީ ސަލާމަތީ ހިސާބަކަށް ގެންގޮސްފައެވެ.

ދައުރުވަމުންދާ މުޒާހަރާގެ ވީޑިއޯތަކުން ފެންނަ ގޮތުގައި ރައީސްގެ ގެކޮޅަށް ވަންނަމުންދާ މީހުންގެ ތެރޭގައި އެގައުމުގެ ސިފައިން ތިބި ނަމަވެސް މުޒާހަރާގެ ބައިވެރިން ހުއްޓުވުމަށް މަސައްކަތް ކުރާ ތަނެއް ނުފެނެއެވެ.

މުޒާހަރާގެ ބައިވެރިން ރައީސްގެ ގެކޮޅަށް ވަދެ، އެ ގެކޮޅުގެ ތެރޭގައި ހުންނަ ސްވިމިން ޕޫލު ވެސް ބޭނުންކުރަމުންދެއެވެ. މިހާރު އެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި މުޒާހާރާގައި އާންމު ރައްޔިތުންގެ އިތުރުން ސިޔާސީ ބޭފުޅުންނާއި ހައްގުތަކަށް ވަކާލާތުކުރާ އިސް އެކްޓިވިސްޓުންގެ އިތުރުން ބައެއް ފުލުހުންވެސް ދަނީ ބައިވެރިވަމުންނެވެ. ރައީސްގެ ގެކޮޅާއި އޮފީސް ހިފުމުން މުޒާހަރާއަށް ތާއީދުކުރާ ފަރާތްތަކުން ދަނީ ވެރިރަށް ކޮލަމްބޯގެ މަގުތަކަށް ޖަމާވެ އުފާފާޅުކޮށް އަޑުގަދަކުރަމުންނެވެ.

ލަންކާގެ މިއަދު ކުރަމުންދާ މުޒާހަރާގައި މިހާތަނަށް 21 މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. އޭގެ ތެރޭގައި ލަންކާގެ ދެ ފުލުހުންވެސް ހިމެނޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.