ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ހަދާފައިވާ އާ ސީޕްލޭން ޓާމިނަލް، "ނޫވިލު" އަންނަ ހަފުތާއިން ފެށިގެން އޮޕަރޭޝަންތަކަށް ބޭނުންކުރަން ފަށާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެމްއޭސީއެލުން މިއަދު ވަނީ އާ ސީޕްލޭން ޓާމިނަލް ނޫސްވެރިންނަށް ފުރަތަމަ ފަހަރަށް ދައްކާލައިފައެވެ. ހަތަރު ފްލޯއަށް އެންމެ ޒަމާނީ ފެންވަރުގައި ހަދާފާއިވާ މި ޓާމިނަލް، ސީޕްލޭން އޮޕަރޭޝަންސްތަކަށް މިހާރުވެސް އަންނަނީ ކޮންމެވެސް ވަރަކަށް ބޭނުން ކުރަމުންނެވެ.
އާ ޓާމިނަލް ދައްކާލުމުގެ ޓުއާއަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ވިދާޅުވީ އެ ޓާމިނަލް އޮޕަރޭޝަނަށް ގެނައުމުގެ ކުރިން ޓްރައިލްތަކެއް ކުރިއަށް ގެންދަން ފަށާފައިވާ ކަމަށާއި މިހާތަނަށް 14 ޓްރައިލް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން އިއްޔެއިން ފެށިގެން ކޮންމެ ދުވަހަކު މެންދުރު ކުރީގެ އޮޕަރޭޝަންތަކަށް އާ ޓާމިނަލް ބޭނުންކުރަމުން އަންނަ ކަމަށާއި އަންނަ ހަފުތާގައި އެ ޓާމިނަލް އެއްކޮށް އޮޕަރޭޝަނަށް ގެނެސް ބޭނުންކުރަން ފަށާނެ ކަމަށް ތޯހާ ވިދާޅުވިއެވެ.
"މި ޓްރައިލްތައް ނިމުމާއެކު ޓީއެމްއޭގެ ހުރިހާ މޫވްމަންޓެއް މިކޮޅަށް ބަދަލުވެގެންދާނެ. މިހާރުވެސް ޓީއެމްއޭ އޮޕަރޭޝަންތަކުގެ ވަރަށް ބޮޑު ބައެއް މިތަނަށް ވަނީ ބަދަލުކުރެވިފައި. މިހާރު ކޮންމެ ދުވަހަކު ސީޕްލޭން އޮޕަރޭޝަންތައް ހެނދުނު ކުރިއަށްގެންދާނީ މިކޮޅުން. މެންދުރުފަހު ބައެއް ފްލައިޓުތައް ކުރީގެ ޓާމިނަލުން. އަންނަ ހަފުތާގައި އެއްކޮށް މުޅިން ބަދަލުވެގެންދާނެ މިކޮޅަށް،" ތޯހާ ވިދާޅުވިއެވެ.
ނަމަވެސް ރަސްމީކޮށް ޓާމިނަލް ހުޅުވާނެ ސީދާ ތާރީހެއް ތޯހާ ވިދާޅެއް ނުވެއެވެ. ތޯހާ ވިދާޅުވީ އެމްއޭސީއެލްގެ އަމާޒަކީ އާ ސީޕްލޭން ޓާމިނަލް އެއްކޮށް އޮޕަރޭޝަނަށް ގެނެސް ކުރިއަށް އޮތް ތިން މަހެއްހާ ދުވަސްތެރޭ ވީއައިއޭގެ އާ ރަންވޭ ބޭނުންކުރަން ފެށުން ކަމަށެވެ.
އަދި އާ ޓާމިނަލް ރަސްމީކޮށް ބޭނުންކުރަން ފެށުމުގެ ކުރިން ޓްރައިލްތަކެއް ގޮތުގައި މިހާރު ބޭނުން ކުރަމުންދަނީ މުވައްޒަފުންނާއި ސީޕްލޭން އޮޕަރޭޓަރުން ޓާމިނަލަށް ހޭނުމަށާއި އޭވިއޭޝަން މިންގަނޑުތަކަށް ތަން ފެއްތުމަށް ކަމަށް ތޯހާ ވިދާޅުވިއެވެ. އަދި އެ މަސައްކަތްތަށް މިހާރު ގާތްގަނޑަކަށް އެއްކޮށް ނިމިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޓްރައިލްތަކަށް އާ ޓީމިނަލް ބޭނުންކުރަން ފަށާފައިވާ އިރު، ޓީއެމްއޭ އާއި މަންތާ އިން އަންނަނީ އެ ޓާމިނަލުން ހިދުމަތް ދެމުންނެވެ. ޖާގަ ތަނަވަސްކޮށް އަދި އެހާމެ ހިތްގައިމުކޮށް ހަދާފައިވާ އާ ސީޕްލޭން ޓާމިނަލުގައި "ދޮވެމި" ރީޓެއިލް ފިހާރައަކާއި 43 ލައުންޖު ހުރެއެވެ. އޭގެ ތެރޭގައި އެމްއޭސީއެލް ބިޒްނަސް ލައުންޖަކާއި އާއްމު ލައުންޖެއް ހުންނައިރު މި ލައުންޖުތަކުން މިހާރުވެސް އަންނަނީ ހިދުމަތް ދެމުންނެވެ.
ރިސޯޓުތަކަށް ކުއްޔަށް ދީފައިވާ ލައުންޖުތައް ހިމަނައިގެން ހަ ލައުންޖެއް އެ ޓާމިނުލަގައި މިހާރު ވަނީ ބޭނުންކުރަން ފަށައިފައެވެ. މީގެ އިތުރުންވެސް 31 ލައުންޖެއްގެ އިންޓީރިއާ މަސައްކަތްތަށް ކުރިއަށްދާއިރު ކުއްޔަށް ނުދެވި ހުރި ހަ ލައުންޖުވެސް މިހާރު ބިޑަށް ލާފައިވާ ކަމަށް އެމްއޭސީއެލުން ބުނެއެވެ.
އާ ޓާމިނަލާއެކު ސީޕްލޭން އޮޕަރޭޝަންތަކަށް ޖުމުލަ 47 ޑޮކް އަންނަނީ ބޭނުން ކުރަމުންނެވެ. އަދި އިތުރު 24 ޑޮކް އަޅަން ވަނީ ރާވައިފައެވެ. އަދި އާ ޓާމިނަލާ އިންވެގެން ހުރި ޑޮކްތަކުން ބޯޓުތަކަށް ފިއުލް އެޅޭ ގޮތަށް އޮޓޮމެޓިކް ފިއުލިން ސިސްޓަމްތައް ހަރުކޮށްފައި ހުރި އިރު، ފްލައިޓުތަކުގެ މެއިންޓެނެންސްއަށް އާ ޓާމިނަލުގެ ހޭންގަރުވެސް ދަނީ ބޭނުންކުރަން ފަށައިފައެވެ.
ދުނިޔޭގެ އެންމެ ބޮޑު ކޮމާޝަލް ސީޕްލޭން އޮޕަރޭޝަން ރާއްޖޭގައި ހިންގާއިރު ލޯ ސީޒަނުގައި ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 300 ސީޕްލޭން މޫވްމަންޓާއެކު އެވަރެޖުކޮށް 4،500 ފަސިންޖަރުން އެ ޓާމިނަލް ބޭނުންކުރާނެއެވެ. އަދި ހައި ސީޒަނުގައި ގާތްގަނޑަކަށް 600 ސީޕްލޭން މޫވްމަންޓާ އެކު އެވްރެޖްކޮށް 6،500 ފަސިންޖަރުން ޓާމިނަލް ބޭނުންކުރާނެ ކަމަށް ލަފާކުރާއިރު ސުޕަ ޕީކް ސީޒަންގައި ހިދުމަތް ބޭނުންކުރާ ފަސިންޖަރުންގެ އަދަދު 7000 އަށްވެސް އަރައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު