މާސްޓާ ޝެފް ސޮސައިޓީ އޮފް ދަ ވޯލްޑްގެ ފަރާތުން ދޭ މާސްޓާ ޝެފުގެ ލަގަބު ލިބުނު ފުރަތަމަ ދިވެހި ޝެފަކަށް އޮގާ ރިސޯޓުގެ ކްރިއޭޓިވް ކަލިނަރީ ޑިރެކްޓަރު ޝެފު މަހާ ނަސީރު ވެއްޖެއެވެ.

މާސްޓާ ޝެފްގެ ލަގަބު ލިބުނު މާހާއަކީ ސިންގަޕޫރުގެ ކްރިއޭޓިވް ކަލިނަރީ އިން ކަލިނަރީ އާޓްސް އެންޑް ކުއިޒިން އިން ޑިގްރީ ހާސިލް ކުރައްވާފައިވާ ފަރާތެކެވެ.

މާހާއަކީ މިހާރު ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވާ އަދި ވޯލްޑް ޝެފްސް އެޕްރޫވްޑް ޕޭސްޓްރީ ރޫކީ ޖަޖެކެވެ.

މަހާ ވަނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ގައުމީ އަދި ބައިނަލްއަގުވާމީ އެތައް އެވޯޑުތަކެއް ހާސިލްކޮށްފައެވެ.

ފަންސާހަށްވުރެ ގިނަ ދުވަސް ވެފައިވާ ވޯލްޑް މާސްޓާ ޝެފްސް ސޮސައިޓީއަކީ ވޯލްޑް މާސްޓާ ޝެފްގެ ލަގަބު ދިނުމަށް ސެޓްފިކެޓް ލިބިފައިވާ ހަމައެކަނި ސޮސައިޓީއެވެ. މަހާ އަކީ މިހާރު ރާއްޖޭގައި ތިބި މަދު އަންހެން އެގްޒެކެޓިވް ޝެފުންގެ ތެރެއިން އެކަކެވެ.

ވޯލްޑް މާސްޓާ ޝެފްސް ސޮސައިޓީއަކީ 50 ގައުމެއްގައި 200 އަށް ވުރެ ގިނަ މެމްބަރުން ތިބި ހާއްސަ ހުނަރުވެރި ޕްރޮފެޝަނަލް ޝެފުންނަށް ހާއްސަކޮށްގެން އުފައްދާފައިވާ ދުނިޔޭގެ މަޝްހޫރު ޝެފް ސޮސައިޓީއެކެވެ.