މާލޭ ސަރަހައްދުގެ ރައްޔިތުން ޕިކްނިކް ދާނެ ރަށެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ކ. ކުޑަގިރީގައި ގަސް އިންދުމުގެ ހަރަކާތެއް ސްޓެލްކޯއިން ކުރިއަށް ގެންގޮސްފިއެވެ.

ސްޓެލްކޯއިން މިއަދު ކުރިއަށްގެންދިޔަ އެ ހަރަކާތުގައި އެ ކުންފުނީގެ 80 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

އެގޮތުން އެރަށުގައި ސްޓެލްކޯއިން އިންދާފައިވަނީ، ފަސޭހައިން އަތިރިމަތީގައި ހެދޭ ގަސްތަކެވެ. ގިނައިން އިންދާފައިވަނީ މަގޫ ގަހާއި ކުރެދިގަހާއި ރުކެވެ.

މާލޭ ރައްޔިތުން ޕިކްނިކް ދާނެ ރަށެއް ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. ރައީސް ސޯލިހު ވަނީ މިދިއަ މަހުގެ 16 ވަނަ ދުވަހު ކުޑަގިރިއަށް ވަޑައިގެން އެރަށު މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފައެވެ. އަދި ވަނީ އެރަށް ފެހިކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ޕްރޮގްރާމެއްގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑުގެ ގޮތުގައި ތަރައްގީ ކުރުމުގެ ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން ހަވާލުކުރީ އެމްޓީސީސީއާއެވެ. އެ މަސައްކަތް 150 ދުވަހުގެ ތެރޭގައި ނިންމަން އެމްޓީސީސީއާ ހަވާލުކުރީ 41 މިލިއަން ރުފިޔާއެވެ.

ކުޑަގިރި އަކީ ތިލަފުށީ ކައިރީގައި އޮންނަ ފަޅެކެވެ. އެ ފަޅު އޮންނަނީ ދޯނީގައި 30 ވަރަކަށް މިނެޓުން އަދި ލޯންޗުގައި ދިިހަ ވަރަކަށް މިނެޓުން ދެވޭ ހިސާބުގައެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ބުނެފައިވަނީ އެރަށް މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެރަށް ހުޅުވަންވާއިރަށް 150 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ދަނީ ކުރަމުންނެވެ.

ކުޑަގިރީގައި ކަރަންޓް ދިނުމަށް ބޭނުންވާ 3،000 މީޓަރުގެ ކޭބަލް ވަޅުލުމުގެ މަސައްކަތް ސްޓެލްކޯ އިން ވަނީ މިދިޔަ މަހުގެ އަށް ވަނަ ދުވަހު ނިންމާލައިފައެވެ. ކުޑަގިރީގައި ސްޓެލްކޯ އިން އިތުރަށް ކުރަން ޖެހޭ މަސައްކަތަކީ ކަރަންޓް ޑިސްޓްރިބިއުޝަން ފޮށިތައް ބެހެއްޓުމާއި މަގުބައްތިތައް ހަރުކޮށް ކަރަންޓް ގުޅައިދިނުމުގެ މަސައްކަތެވެ. އެ މަސައްކަތް ސްޓެލްކޯއިން މިހާރު ދަނީ ކުރަމުންނެވެ.

ކުޑަގިރީގައި ބޭނުންކުރާ ކަރަންޓުގެ ބޮޑު ޕަސެންޓެއް އިޔާދަކުރަނިވި ހަކަތައިން އުފެއްދުމަށްޓަކައި އެކަމުގެ ދިރާސާތައްވެސް ސްޓެލްކޯއިން ދަނީ ކުރަމުންނެވެ.