މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެ ކުންފުނީގެ މަސްލަހަތުވެރިންގެ ތެރޭގައި ހިމެނޭ ކްލިއަރިން އޭޖެންޓުންނާއި މާލޭ ވިޔަފާރި ބަނދަރު ސަރަހައްދުގައި މަސައްކަތްކުރާ ލޮރީ ޑްރައިވަރުންނާ މަޝްވަރާކޮށް ހިޔާލު ހޯދުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.
"ސްޓޭކް ހޯލްޑާ ފޯރަމް"ގެ ނަމުގައި ރޭ އެމްޕީއެލް ހެޑް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި މަސްލަހަތުވެރިންނަށް މައުލޫމާތު ދެއްވި ޕެނަލުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީއާއި ޑެޕިއުޓީ ސީއީއޯ އިބްރާހިމް އަބްދުﷲ އާއި ޗީފް އޮޕަރޭޓިން އޮފިސަރު މުހައްމަދު މަސީހް އަބްދުލް ސައްތާރާއި ޑެޕިއުޓީ ޖެނެރަލް މެނޭޖަރު ތޮލްހަތު ސައީދާއި ޖެނެރަލް މެނޭޖަރު މުޖާހިދު އަނީސްއާއި ޖެނެރަލް މެނޭޖަރު އިބްރާހިމް ވަހީދު އަދި ޗީފް ފައިނޭންޝަލް އޮފިސަރު މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތެވެ.
އެމްޕީއެލުން ބުނީ މާލޭ ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި މަސައްކަތްކުރާ ގިނަ އަދަަދެއްގެ ކްލިއަރިން އެޖެންޓުންނާއި ލޮރީ ޑްރައިވަރުން ބައިވެރިވި އެ ބައްދަލުވުމުގައި އެ މީހުންނަށް ދިމާވެފައިވާ ދަތިތަކާއި އެމްޕީއެލްގެ ހިދުމަތްތަކާ ގުޅިގެން ކުރަން ބޭނުންވާ ސުވާލުތައް ކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން އެމްޕީއެލުން ފޯރުކޮށްދޭ ހިދުމަތްތައް ރަނގަޅުކުރުމަށް ވަނީ ހިޔާލުވެސް ހުށަހަޅައިފައެވެ.
މި ބައްދަލުުވުމުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވަނީ އެފަދަ ބައްދަލުވުންތަކުގެ ބޭނުމަކީ ކުންފުނީގެ ހުރިހާ މަސްލަހަތުވެރިންގެ ގުޅުން ބަދަހިކޮށް، ކުންފުނީގެ އޮޕަރޭޝަންސްއަށް ގެންނަ ބަދަލުތަކާއެކު އެ ފަރާތްތަަކަށް ދިމާވެފައިވާ ދަތިތައް ދެނެގަނެ، އަދި ކުންފުނީގެ ހިދުމަތް އިތުރަށް ރަނގަޅުކުރުމަށް އެ ފަރާތްތަކުގެ ހިޔާލުތައް ހޯދުން ކަމަށެވެ.
"މި ބައްދަލުވުންތަކުގެ މައިގަނޑު ބޭނުމަކީ އަޅުގަނޑުމެން މާ ގިނަ ވާހަކަތެއް ދެއްކުމުގެ ބަދަލުގައި، ތިބޭފުޅުން (ކްލިއަރިން އޭޖެންޓުންނާއި ލޮރީ ޑްރައިވަރުން)ގެ ހިޔާލުތައް އަޑުއެހުމާއި އަޅުގަނޑުމެން މި ކުންފުނީގެ މަސައްކަތްތައް ބައްޓަންކުރާއިރު، އެ ހިޔާލުތައް އިންކޯޕަރޭޓް ކުރެވޭތޯ ބެލުން،" އޭނާ ވިދާޅުވިއެވެ.
އެމްޕީއެލުން ވަނީ މި އަހަރުގެ ތެރޭގައި ކުންފުނީގެ މަސްލަހަތުވެރިންނާއެކު ސިލްސިލާ ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމައިފައެވެ. އެގޮތުން މިއީ މި އަހަރުގެ ތެރޭގައި ބޭއްވި އެފަދަ ދެވަނަ ބައްދަލުވުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު