މިދިޔަ އޭޕްރީލް މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ އަގު 4.4 ބިލިއަން ރުފިޔާ އަށް އަރާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހާމަކޮށްފިއެވެ.
ކަސްޓަމްސްއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މެއި މަހު ދައުލަތަށް އިމްޕޯޓު އަދި އެކްސްޕޯޓުން ލިބުނު އާމްދަނީ 300 މިލިއަން ރުފިޔާއަށް އަރައެވެ. އެއީ މިދިޔަ އަހަރުގެ މެއި މަހު ދައުލަތަށް އިމްޕޯޓު އަދި އެކްސްޕޯޓުން ލިބުނު 239 މިލިއަން ރުފިޔާގެ އާމްދަނީއާ އަޅައި ބަލާއިރު 26 ޕަސެންޓުގެ އިތުރުވުމެކެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މެއި މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ ސީއައެފްގެ އަގު މިދިޔަ އަހަރުގެ މެއި މަހާ އަޅައި ބަލާއިރު 52 ޕަސެންޓް ވަނީ އިތުރުވެފައެވެ.
މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު 4.4 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްގެ ހިސާބުތަކުން ދައްކައެވެ. މިދިޔަ އަހަރުގެ މެއި މަހު އެތެރެކުރި މުދަލުގެ އަގަކީ 2.9 ބިލިއަން ރުފިޔާއެވެ. ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އިމްޕޯޓުކޮށްފައި ވަނީ މެޝިނަރީ އާއި އިލެކްޓްރިކް ސާމާނާއި ކާބޯތަކެތީގެ ބާވަތްތަކާއި ތެލުގެ ބާވަތްތަކެވެ.
މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައި ވަނީ އޮމާން، އިންޑިއާ، ޗައިނާ، ޔޫއޭއީ އަދި ސިންގަޕޫރުންނެވެ. އެގޮތުން އޮމާން އިން 783 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ އިރު، އިންޑިއާ އިން 650 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެއިތުރުން ޗައިނާ އިން 447 މިލިއަން ރުފިޔާގެ މުދާ، ޔޫއޭއީއިން 426 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޫރުން 387 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.
އެކްސްޕޯޓަށް ބަލާއިރު މިދިޔަ އަހަރުގެ މެއި މަހު ރާއްޖެއިން 515 މިލިއަން ރުފިޔާގެ މުދާ ވަނި އެކްސްޕޯޓްކޮށްފައެވެ. މި އަހަރުގެ މެއި މަހު މިއަދަދު ހުރީ 719 މިލިއަން ރުފިޔާގައެވެ. މިއީ 40 ޕަސެންޓް އިތުރު އަދަދެކެވެ.
މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓުކޮށްފައި ވަނީ ތައިލޭންޑަށާއި އިނގިރޭސިވިލާތަށާއި ޖަރުމަންވިލާތަށާއި އިންޑިއާ އަދި ފްރާންސްއަށެވެ. ރާއްޖެއިން މުދާ ބޭރުކުރި ނިސްބަތަށް ބަލާއިރު އެންމެ ގިނަ މުދާ ބޭރުކޮށްފައިވަނީ ތައިލޭންޑްއަށެވެ. އެއީ ބޭރުކުރި މުދަލުގެ 58 ޕަސެންޓެވެ. ދެން އެންމެ ގިނަ މުދާ ބޭރުކުރި އިނގިރޭސިވިލާތަށް 10 ޕަސެންޓް މުދާ ވަނީ ބޭރުކޮށްފައެވެ. އަދި ތިންވަނަ އަށް އެންމެ ގިނަ އަދަދަކަށް މުދާ ބޭރުކުރި ޖަރުމަންވިލާތަށް ނުވަ ޕަސެންޓުގެ މުދާ ވަނީ ބޭރުކޮށްފައެވެ. ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ބޭރުކޮށްފައިވަނީ ގަނޑުކުރި ކަނޑުމަހުގެ ބާވަތްތަކެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެއަށް މުދާ ހިފައިގެން 85 އުޅަނދެއް އައިސްފައިވެއެވެ. އަދި 114 އުޅަނދެއް ފުރާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު