އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަރުކޮޅުފުށީގައި ހަފުލާތައް ބޭއްވުމަށް ދޫކުރަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީން މިއަދު ބުނީ އަމިއްލަ އަދި އޮފީސްތަކާއި ކުންފުނިތަކުގެ ބޮޑެތި ހަފުލާތައް ބޭއްވުމަށް ފަރުކޮޅުފުށި ދޫކުރަން ނިންމާފައިވާ ކަމަށެވެ. އަދި އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބުކިން ހެއްދޭނެ ކަމަށްވެސް އެކޯޕަރޭޝަނުން ބުންޏެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައިވާ ފަރުކޮޅުފުށި އެންމެ ފުރަތަމަ ބޭނުން ކޮށްފައިވަނީ ރިސޯޓެއްގެ ގޮތުގައެވެ. ނަމަވެސް އޭގެ ފަހުން ބަންކޮށްފައި އޮތުމަށްފަހު އެތަން މަރާމާތުކޮށް އަލުން ހުޅުވާފައިވަނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދިނުމަށް އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައެވެ.
އޭގެ ފަހުން އެތަން މާލޭގައި ދިރިއުޅޭ މީހުން ދަތުރު ދިޔުމަށް ތަރައްގީ ކުރުމަށް ސިޓީ ކައުންސިލުން ނިންމިއެވެ. ނަމަވެސް މިކަން ސިޓީ ކައުންސިލުން ސަރުކާރާ މަޝްވަރާކޮށްފައި ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. އަދި ފަރުކޮޅުފުށްޓަކީ އެޗްޑީސީގެ ބެލެނިވެރިކަމުގެ ދަށުގައި އޮތް ތަނެއް ކަމަށާއި އެތަނުގެ ޕްލޭނަށް ބަދަލެއް ގެންނަ ނަމަ އެޗްޑީސީއާވެސް މަޝްވަރާ ކުރަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު