ފާއިތުވި ފަންސާސް އަހަރުގެ ތެރޭގައި ހޮންގްކޮންގުގެ ގޮނޑުދޮށުގެ އެންމެ މަގްބޫލު ލޭންޑްމާރކުގެ ގޮތުގައި ބެލެވެމުން އައި މަޝްހޫރު ޖަމްބޯ ފްލޯޓިން ރެސްޓޯރަންޓް ދެކުނު ޗައިނާ ކަނޑުގެ އަޑިއަށް ފެތިއްޖެއެވެ.

މި ރެސްޓޯރަންޓް ހިންގަމުން އައި ކުންފުނިކަމަށްވާ އަބަޑީން ރެސްޓޯރަންޓްސް އެންޓަރޕްރައިޒަސްގެ ފަރާތުން ބުނެފައިވަނީ ޖަމްބޯ ފްލޯޓިން ރެސްޓޯރަންޓް ކަނޑުގެ އަޑިޔަށް ދިޔައީ ޓަގުބޯޓުތަކުގެ އެހީގައި ކަފުޖަހައިގެން އެހެންތާކަށް ގެންދިއުމުގެ މަގުމަތީގައި މޫސުން ގޯސްވެގެން ކަމުގައެވެ. މިހާދިސާގައި ރެސްޓޯރަންޓުގެ އެއްވެސް މުވައްޒިފަކަށްވެސް އަދި ފަޅުވެރިޔަކަށްވެސް އަނިޔާނުވާ ކަމަށް ބުނެފައިވެއެވެ.

ޖަމަބޯ ފްލޯޓިން ރެސްޓޯރަންޓް އަރިއަޅާލައި އެތެރެއަށް ލޮނުގަނޑު ވަދެގަތީ ދެކުނު ޗައިނާ ކަނޑުން ޕާރުސަލް އައިލެންޑޭ ކިޔުނު ހިސާބުގައި ކަމަށް އެނގިފައިވެއެވެ. އުޅަނދު ފެތުނަނުދީ ސަލާމަތްކުރެވޭތޯ މިއުޅަނދު ކަފުޖަހައިގެން ގެންދިޔަ ޓަގުބޯޓުތަކުގެ ފަޅުވެރިން ވަރަށް ބޮޑަށް މަސައްކަތްކުރި ކަމަށްވެސް ބުނެފައިވެއެވެ. މިހާދިސާ ހިނގާފައިވަނީ ހުސްވި ހަފުތާގެ އާދީއްތަ ދުވަހުއެވެ.

ދުނިޔޭގެ އެންމެ ބިޔަ ފްލޯޓިން ރެސްޓޯރަންޓުތަކުގެ ތެރޭގައި ހިމެނޭ މި ރެސްޓޯރަންޓް ވަނީ ކޮވިޑުގެ ސަބަބުން 2020 ވަނަ އަހަރު ބަންދުކުރެވިފައެވެ. އޭގެފަހުން މި ރެސްޓޯރަންޓް ބަލަހައްޓައި މަރާމާތުކުރުން އޮތީ އޭގެ ވެރިފަރާތަށް ވަރަށް ބޮޑު ބުރަޔަކަށްވެފައެވެ. ވަރަށް ގިނަ ފިލްމުތަކުގެ މަންޒަރުވެސް މި ރެސްޓޯރަންޓުގައި ނެގިފައިވެއެވެ. މިހާތަނަށް ތިން މިލިޔަނަށްވުރެ ގިނަ މީހުން މިތަނުން ޚިދުމަތް ހޯދާފައިވާއިރު އޭގެތެރޭގައި އިނގިރޭސި ރާނީ އެލިޒަބަތާއި ހޮލީވުޑްގެ އެކްޓަރު ޓޮމް ކްރޫޒާއި އިނގިރޭސި މަހުޖަނު ރިޗަރޑް ބްރެންސަން ފަދަ މަޝްހޫރު މީހުން ހިމެނެއެވެ.