ކޮމަންވެލްތް ގައުމުތަކުގެ އިސްވެރިންގެ ރީޓްރީޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންފިއެވެ.

ރުވާންޑާގެ އިންޓެއާ ކޮންފަރެންސް އެރީނާގައި ބޭއްވި އެ ރީޓްރީޓް ކުރިއަށް ގެންގޮސްފައި ވަނީ ދެ ސެޝަނަށް ބަހާލައިގެންނެވެ. ފުރަތަމަ ސެޝަން އަމާޒުކޮށްފައި ވަނީ ޒުވާނުންނާއި ޓެކްނޮލޮޖީއާއި އީޖާދީކަމުގެ މައްޗަށެވެ. ދެ ވަނަ ސެޝަން އަމާޒު ކޮށްފައި ވަނީ ބައިނަލްއަގުވާމީ ގޮތުން ކުރިމަތިވާ އެކި ގޮންޖެހުންތަކަށެވެ.

ރައީސް ސޯލިހު ރުވާންޑާއަށް ވަޑައިގެންނެވީ ކޮމަންވެލްތުގެ ގައުމުތަކުގެ އެންމެ އިސްވެރިންގެ 26 ވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ.

މިއީ ރާއްޖެ އަލުން ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ވީފަހުން ބާއްވާ، ކޮމަންވެލްތުގެ ގައުމުތަކުގެ އެންމެ އިސްވެރިންގެ ފުރަތަމަ ބައްދަލުވުމެވެ. މިބައްދަލުވުން މި ބާއްވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ބައްދަލުވުން ފަސްކުރުމަށް ފަހުގައެވެ.

ކޮމަންވެލްތް ގައުމުތަކުގެ އިސްވެރިންގެ މިއަހަރުގެ ބައްދަލުވުމުގެ ޝިއާރަކީ "ޑެލިވަރިން އަ ކޮމަން ފިއުޗާ: ކަނެކްޓިން، އިނޮވޭޓިން، ޓްރާންސްފޯމިން" މި އެވެ.