މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅައިލުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން ތައާރަފުކޮށްފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ހިދުމަތް ހއ. އަތޮޅުގައި ފެށުމުގެ ގޮތުން ލޯންޗު ފެރީތައް އެ އަތޮޅަށް ފުރައިފިއެވެ.
އާރުޓީއެލް ހިދުމަތް ހއ. ގައި ފެށުމުގެ ގޮތުން، އެ ހިދުމަތްދޭ އެމްޓީސީސީން ފަރުމާކޮށްފައިވާ ފަސް ލޯންޗު ފެރީ މިއަދު މެންދުރު ވަނީ އެ އަތޮޅަށް ފުރައިފައެވެ.
އެ ލޯންޗު ފެރީތައް ފުރުވާލުމުގެ ކުރިން މީޑިއާތަކަށް މައުލޫމާތުދެއްްވަމުން، އެމްޓީސީސީގެ މެރިން ޓްރާންސްޕޯޓް ޑިވިޝަންގެ ޖެނެރަލް މެނޭޖަރު އިސްމާއިލް ފާރިގް ވިދާޅުވީ، އެ ލޯންޗުތައް މާދަމާ ހއ. އަތޮޅުގެ ރަށްތަކަށް ގޮސް، އާދިއްތަ ދުވަހު ހިދުމަތް ފެށޭނެ ކަމަށެވެ.
ފާރިގް ވިދާޅުވީ، މިމަހުގެ ތެރޭގައި އެ އަތޮޅުގައި ހިދުމަތް ދޭނީ ހިލޭ ކަމަށާއި ޓިކެޓު ނަގައިގެން ހިދުމަތްދޭން ފަށާނީ އަންނަ މަހުން ފެށިގެން ކަމަށެވެ. އަދި އަމާޒަކީ އަންނަ މަސް ނިމުމުގެ ކުރިން ށ. އަތޮޅުގައިވެސް އާރުޓީއެލްގެ ހިދުމަތް ފެށުން ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ ޖުލައި މަސް ތެރޭގައި ށ. އަތޮޅުގެ ދަތުރުތައްވެސް ފަށަން. އެއީ ށ. އަތޮޅުގެ ހުރިހާ ރަށަކަށް ބޭނުންވާ ލޯންޗުތައް ބަނުމުގެ މަސައްކަތްވެސް މިހާރު ގާތްގަނޑަކަށް ފައިނަލް ސްޓޭޖްތަކުގައި މިއުޅެނީ. އެކަންކަން ނިންމާފައި އިރާދަކުރެއްވިއްޔާ ޖުލައި މަސް ނިމުމުގެ ކުރިން ފެށިގެންދާނެ،" ފާރިގް ވިދާޅުވިއެވެ.
ރާއްޖެ ހައިސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން ތައާރަފުކޮށްފައިވާ އާރުޓީއެލް ހިދުމަތް އެންމެ ފުރަތަމަ ފަށާފައިވަނީ ހދ. އަތޮޅުގައެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ރަށެއް ހައި ސްޕީޑް ފެރީގެ ނިޒާމަކުން ގުޅުވާލުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު