މިއަދު ހެދުނު ގަލޮޅު ދަނޑުގައި ބަޔަކު ހިންގި ހަމަނުޖެހުންތަކަކީ ޖަމިއްޔަތުއްސަލަފާ ގުޅުންހުރި ހަރަކާތެއް ނޫން ކަމަށާއި އަނިޔާވެރި ހަރަކާތްތަކަށް ތާއީދު ނުކުރާ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

ބައިނަލްއަގުވާމީ ޔޯގާދުވަސް ފާހަގަކުރުމަށް މިއަދު ހެދުނު ގަލޮޅު ދަނޑުގައި ކުރިއަށްގެންދިޔަ ހަރަކާތަށް ހުރަސްއަޅައި ބަޔަކު ހަމަނުޖެހުން ހިންގުމާ ގުޅިގެން ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ހަމަނުޖެހުން ހިންގުމުގައި ޖަމިއްޔަތުއް ސަލަފާއި އިދިކޮޅު ޕީޕީއެމް ހިމެނޭ ކަމަށެވެ.

އަދި 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ޔޯގާ ޑޭ ފާހަގަ ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެއިރު މިކަން "ހަރާމް ކަމަކަށް" ނުވާ ކަމަށާއި ޔޯގާ "ހަރާމްވީ މި އަހަރު" ކަމަށް ވިދާޅުވިއެވެ.

އެ އިންޓަވިއުއާ ގުޅިގެން ސަލަފުން ވަނީ އެ ހަމަނުޖެހުންތަކާއި ސަލަފާ ގުޅުވައިގެން މަހުލޫފް ދެއްކެވި ވާހަކަތައް ދޮގުކޮށް އެކަން ކުއްވެރިކޮށް ބަޔާނެއް ނެރެފައެވެ.

ސަލަފުގެ ބަޔާނުގައި ބުނެފައިވަނީ މަދަނީ ޖަމިއްޔާތަކުގެ ބެލެނިވެރިކަމުގެ މަގާމުގައި ހުންނަވައި ކަމުގެ ހަގީގަތް ބެލުމެއް ނެތި އެފަދަ ނުރައްކާތެރި ތުހުމަތެއް ކުރެއްވުމަކީ އެ ޖަމިއްޔާއާ މެދު މީހުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމުގެ ބޭނުމުގައި މަހުލޫފު ކުރެއްވި ޒިންމާދާރުކަން ކުޑަ ނާތަހުޒީބީ އަމަލެއް ކަމަށެވެ.

އަދި ރާއްޖޭގައި ޔޯގާގެ ކަންކަން ހިންގަން ފެށި ހިސާބުން ފެށިގެން އަބަދުވެސް އެކަމުގެ ހުކުމާމެދު ރައްޔިތުން ހޭލުންތެރި ކުރުމަށް އެ ޖަމިއްޔާއިން މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް އެ ޖަމިއްޔާ އަކީ އެއްވެސް ހާލެއްގައި ޝަރުއީ ހުދޫދުން ބޭރުން ގައުމުގެ އަމްނާއި ސަލާމަތު ބަލަހައްޓާ ފަރާތްތަކާ ކުރިމަތިލައި ހިންގާ "ވަޔަލެންޓް" ހަރަކާތްތަކަށް ތާއީދުކުރާ ބައެއް ނޫން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޔޫތު މިނިސްޓްރީ އާއި އިންޑިއަން ކަލްޗަރަލް ސެންޓަރާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގުޅިގެން ހެނދުނު 6:30 ގައި ބޭއްވި ޔޯގާ ހަރަކާތް ކުރިއަށް ގެންދަނިކޮށް ބަޔަކު ދަނޑަށް ވަދެ، "ﷲ އަކްބަރު" އޭ ގޮވަމުން ދުވަމުން ގޮސް ޔޯގާ ހަދަން ތިބި މީހުން ބޭރަށް ނުކުތުމަށް ގޮވައި އިންޒާރު ދިނެވެ. އެހެންކަމުން މީހުން ވަނީ އެތަން ދޫކޮށް ގޮސްފައެވެ.

ދަނޑަށް އަރައިގެން މީހުން ތިބީ ޝަހާދަތުގެ ދެކަލިމަ ޖަހާފައިވާ ދިދަތަކެއް ހިފައިގެންނެވެ. އަދި އެ މީހުން ވަނީ ދަނޑުގައި ޖަހާފައި ހުރި ގައުމީ ދިދަތަކާއި އިންޑިއާގެ ދިދަ ދަނޑިތައް ބިންދައި، އެ އެއްޗެހި ބޭނުންކޮށްގެން ހަމަނުޖެހުން ހިންގައިފައެވެ.

ދަނޑުގައި ހަމަނުޖެހުން ހިންގަން ފެށުމާއެކު ފުލުހުންގެ ފައުޖެއް އެތަނަށް ގޮސް، ޕެޕާ ސްޕްރޭ ޖަހައި ހަ މީހަކު ހައްޔަރުކުރިއެވެ. ނަމަވެސް ހަމަނުޖެހުންތަކުގައި އެއްވެސް ބަޔަކަށް އަނިޔާވި ކަމެއް އަދި ނޭނގެއެވެ.