ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގައި ހަމަލާދިނުމުގެ އަޑީގައި ތިބީ ޕީޕީއެމާއި ޖަމިއްޔަތުލް ސަލަފު ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ތުހުމަތު ކުރައްވައިފިއެވެ.
ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗަރަލް ސެންޓަރާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގުޅިގެން ހެނދުނު 6:30 ގައި ބޭއްވި ޔޯގާ ހަރަކާތް ކުރިއަށް ގެންދަނިކޮށް ބަޔަކު ދަނޑަށް ވަދެ، "ﷲ އަކްބަރު" އޭ ގޮވަމުން ދުވަމުން ގޮސް ޔޯގާ ހަދަން ތިބި މީހުން ބޭރަށް ނުކުތުމަށް ގޮވައި އިންޒާރު ދީފައިވެއެވެ. އެހެންކަމުން މީހުން ވަނީ އެތަން ދޫކޮށް ގޮސްފައެވެ.
ދަނޑަށް އަރައިގެން މީހުން ތިބީ ޝަހާދަތުގެ ދެކަލިމަ ޖަހާފައިވާ ދިދަތަކެއް ހިފައިގެންނެވެ. އަދި އެ މީހުން ވަނީ ދަނޑުގައި ޖަހާފައި ހުރި ގައުމީ ދިދަތަކާއި އިންޑިއާގެ ދިދަ ދަނޑިތައް ބިންދައި، އެ އެއްޗެހި ބޭނުންކޮށްގެން ހަމަނުޖެހުން ހިންގައިފައެވެ.
ދަނޑުގައި ހަމަނުޖެހުން ހިންގަން ފެށުމާއެކު ފުލުހުންގެ ފައުޖެއް އެތަނަށް ގޮސް، ޕެޕާ ސްޕްރޭ ޖަހައި ހަ މީހަކު ހައްޔަރުކުރިއެވެ. ނަމަވެސް ހަމަނުޖެހުންތަކުގައި އެއްވެސް ބަޔަކަށް އަނިޔާވި ކަމެއް އަދި ނޭނގެއެވެ.
އެކަމާ ގުޅިގެން "ރާއްޖެ ޓީވީ"އަށް ދެއްވި އިންޓަވިއުއެއްގައި މަހުލޫފު ވިދާޅުވީ، ގަލޮޅު ދަނޑަށް މީހުން ދިޔައީ، ދީނީ ކަމެއް ކުރުމަށް ނޫން ކަމަށެވެ. އަދި އެތަނަށް ދިޔައީ ފަތިސް ނަމާދުކޮށްގެން ކަސްރަތެއް ކުރުމަށް ކަމަށާއި 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ޔޯގާ ހަދަމުން އަންނަ ކަމަށެވެ. ނަމަވެސް އެއިރު އެކަން ހުއްޓުވަން އެއްވެސް ބަޔަކު ނޫޅޭ ކަމަށް ވިދާޅުވިއެވެ.
"މީގަ އެބަ ތިބި ހަމަ ސީދާ ޕީޕީއެމްގެ ހަމަ އިސް ސަފުގައި މަސައްކަތްކުރާ ފަރާތްތައް. އެހެންވެ އަޅުގަނޑު މި ދެންނެވީ މިއީ ސިޔާސީ ކަމެކޭ މިކުރީ. ދެން މީގައި ސަލަފުވެސް އެބައުޅޭ،" ޔޯގާ ހަރާމްވީ ކުއްލިއަކަށްތޯ ސުވާލު އުފައްދަމުން މަހުލޫފު ވިދާޅުވިއެވެ.
ޔޯގާ ހަރަކާތް ހުއްޓުވައި، ހަމަނުޖެހުން ހިންގި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު