ޑިޕްލޮމަސީގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ ދުވަހެއް ފާހަގަކުރުމަށް ދިވެހިރާއްޖެއިން އިސްނަގައިގެން ހުށަހެޅި ގަރާރު އދ. ގެ އާއްމު މަޖިލީހުން ރޭ ފާސްކޮށްފިއެވެ.
މި ގަރާރު އެކުލަވާލުމުގެ މަސައްކަތް ފެށުނީ އދ. ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ބާއްވަވަމުން ގެންދަވާ "ހޮށުއަޅި ޑައިލޮގްސް" މަޝްވަރާ ބައްދަލުވުންތަކުގައި ކުރެވުނު މަޝްވަރާތަކުގެ އަލީގައެވެ.
މި ގަރާރު އދ. ގެ މަޖިލީހަށް ހުށަހެޅުއްވީ އދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެންއެވެ. ގަރާރު ހުށަހަޅުއްވަމުން ދެއްކެވި ވާހަކަފުޅުގައި ތިލްމީޒާ ވިދާޅުވީ، މިއީ ޑިޕްލޮމެސީގައި މަސައްކަތްކުރާ އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކާ މެދު މަޝްވަރާކޮށް، އަންހެނުންނަށްވެސް ޑިޕްލޮމެސީގައި ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.
އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތުގައި މިވަގުތު އިންނެވި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، މިންތީގެ ހަމަހަމަ ކަމަށް އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނާއި އަދި ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވައި، އެކަމަށް އޭނާ ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
ގަރާރު ފާސްވުމާ ގުޅިގެން އާއްމު މަޖިލީހާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ އަންހެން ޑިޕްލޮމެޓުން ސުލްހައަށް މަޝްވަރާކޮށް، ބައިނަލްއަގުވާމީ ގުޅުންތައް ވަރުގަދަކޮށް، ނުރައްކަލާއި ތުރާތައް ގިރާކޮށް، ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ކަމަށާއި އެކަން ފާހަގަކުރުމަށް ކޮންމެ އަހަރަކު ހާއްސަ ދުވަހެއް ކަނޑައެޅިގެން ހިނގައްޖެ ކަމަށެވެ.
އދ. ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަމީނާ މުހައްމަދު އާއްމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން މިކަމުގައި ރާއްޖެއިން އިސްނެގިކަމަށްޓަކައި މަރުހަބާ ވިދާޅުވިއެވެ.
ޑިޕްލޮމެސީގައި މަސައްކަތްކުރާ އަންހެނުންގެ ބައިނަލްއަގްވަމީ ދުވަސް ފާހަގަކުރުމުގެ ގަރާރު 191 ގައުމަކުން ކޯ ސްޕޮންސާ ކުރިއިރު، 85 ގައުމަކުން ވަނީ އެ ގަރާރުގެ ސްޕޮންސަރުންގެ ގޮތުގައި ހިމެނިފައެވެ.
ރާއްޖެއާ އެކު މި ގަރާރު އދ. ގެ އާއްމު މަޖިލީހަށް ހުށަހެޅި ކޯ ގްރޫޕްގައި ހިމެނެނީ އެލް ސަލްވަޑޯ، އެރިޓްރެއާ، ގްރެނާޑާ، ގަޔާނާ، ކެންޔާ، ލެޓްވިއާ، ލުބްނާން، މޯލްޓާ، ގަތަރު، ސެންޓް ލޫޝިއާ އަދި ދެކުނު އެފްރިކާއެވެ. މި ގަރާރު ފާސްވުމާއެކު ކޮންމެ އަހަރެއްގެ ޖޫން މަހުގެ 24 ވަނަ ދުވަސް ފާހަގަ ކުރާނީ އިންޓަނޭޝަނަލް ޑޭ އޮފް ވިމެން އިން ޑިޕްލޮމެސީގެ ގޮތުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު