ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސްކޮލާޝިޕް ފަންޑުގެ ދަށުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު މިއަހަރު ލިބޭ ތިން ދަރިވަރުންގެ ނަން އެ ބޭންކުން ހާމަކޮށްފިއެވެ.

މި ސްކޮލާޝިޕް ފަންޑަކީ ދަރިވަރުން ހޯދާފައިވާ ތައުލީމީ ނަތީޖާއަށް ބަލައި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް ހުރިހާ ހަރަދެއް ހިމަނައިގެން ދޭ ސްކޮލަޝިޕެކެވެ. މި ސްކޮލަޝިޕް ލިބޭ ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވަސިޓީން ބޭންކިން އެންޑް ފައިނޭންސްގެ ރޮނގުން ބޭނުންވާ ކޮންމެ އަންޑާ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރެވޭނެއެވެ.

ވާދަވެރިކޮށް ދިޔަ އެ ސްކޮލާޝިޕް ފަންޑު ހުޅުވާލީ ތައުލީމީ ގޮތުން މަތީ ނަތީޖާއެއް ހޯދާފައިވާ އަދި މަތީ ތައުލީމު ހާސިލުކުރުމަށްފަހު ރާއްޖޭގެ ބޭންކިން އަދި މާލީ ދާއިރާ ހަރުދަނާކޮށް ތަރައްގީކުރުމުގެ ޝައުގުވެރިކަން ހުރި ދަރިވަރުންނަށެވެ.

  • އަހުމަދު ނިސާލް އަބްދުﷲ
  • އާމިނަތު މައިސާ ނިޔާޒު
  • އިސްމާއިލް ޒަކްވާން ޝިހާދު

ސްކޮލާޝިޕް ފަންޑާ ބެހޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޓިމް ސޯޔާ ވިދާޅުވީ ބޭންކުގެ ސްކޮލާޝިޕްގެ ދަށުން ކުރިއަށް އޮތް ޖީލުތަކުގެ ލީޑާޝިޕް މަގާމުތައް ފުރަމުންދާނެ ހުނަރުވެރި ތައުލީމީ ޒުވާނުން ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އަދި ތައުލީމީ ގޮތުން މަތީ ނަތީޖާއެއް ހޯދާފައިވާ އަދި ލީޑާޝިޕް ދައްކުވައި ދޭ ހުނަރުވެރި ޒުވާނުންތަކެއް އެ ސްކޮލާޝިޕް ފަންޑަށް ހޮވުނުކަމީ ބޭންކަށް ލިބޭ އުފަލެއް ކަމަށާއި ޒުވާނުންގެ ތެރެއިން ގައުމަށް ހިދުމަތްކުރުމަށް ބޭނުންވާ ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތު ހޯދައިދިނުމަކީ އަނބުރާ މުޖުތަމައަށް އެހީތެރިވެ، ގައުމުގެ މުސްތަގުބަލަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމެންޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ބީއެމްއެލް އިން ހުރިހާ ހަރަދެއް ހިމެނޭހެން ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ތައުލީމީ، ގާބިލު ޒުވާން ދިވެހި ތިން ދަރިވަރުންނަށް ލިބިގެންދާކަމީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް،" ޓިމް ވިދާޅުވިއެވެ.

ބީއެމްއެލް ސްކޮލާޝިޕް ފަންޑަކީ އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި 12 ހަރަކާތުގެ ތެރެއިން ފުރަތަމަ ހަރަކާތުގެ ގޮތުގައި ނޮވެމްބަރު 2021 ގައި ތައާރަފުކުރި ފަންޑެކެވެ.