ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގައި އަދާކުރައްވަމުން ގެންދެވި އެސިސްޓެންޓް ޕްރޮފެސަރުގެ ވަޒީފާއިން ވަކިކުރަން ނިންމީ ގޯސްކޮށް ކަމަށް ކަނޑައަޅައި އޭނާއަށް އަލުން ވަޒީފާ ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ހުކުމްކޮށްފިއެވެ.

އަންހެނުން ހިތާނުކުރުމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން އެމްއެންޔޫގެ މައްސަލަ ބަލާ ކޮމެޓީން އެ މައްސަލަ ބެލުމަށްފަހު އިޔާޒު ވަޒީފާއިން ވަކިކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

އެ މައްސަލައިގައި އޭނާ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އިޔާޒުގެ ފަރާތުން ވަނީ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅިއެވެ.

އެ މައްސަލައިގައި ޓްރައިބިއުނަލުން މިއަދު ނިންމީ އިޔާޒު ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށާއި އޭނާ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް ހަތް ދުވަސް ތެރޭގައި ދޭންޖެހޭނެ ކަމަށެވެ. އަދި ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ދިނުމާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދޭން ވެސް ޓްރައިބިއުނަލުން އެންގި އެވެ.

އެކަމާ ގުޅިގެން އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވަރަށް އަނިޔާވެރި ގޮތަކަށް އޭނާ ވަޒީފާއިން ވަކިކުރަން ޔުނިވާސިޓީން ނިންމި ނިންމުން ނިމުމަކަށް ގެނައުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިއަދު ހުކުމްކޮށްފައިވާ ކަމަށެވެ.