ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ތެދުބަހުން ވާހަކަ ދައްކަންޖެހޭ ކަމަށް ބުނެފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިވާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވަނިކޮށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ދެއްކެވި ވާހަކަތަކަކާ ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ނެންގެވި ނިޒާމީ ނުކުތާތަކަކާ ގުޅިގެންނެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލުގެ ބަހުސްގައި އެ ބިލުގައި ހިމެނޭ އިއުތިރާފް އެއްބަސްވުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގެ އެންމެ އަޑީގައި ހުރީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އަބުދުލްޣަފޫރުކަން އެންމެނަށް އެނގޭއިރުވެސް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު އޭނާއާއެކު އިއުތިރާފު އެއްބަސްވުން ހަދާފައިވާ ކަމަށެވެ.
އެ އެއްބަސްވުން ހަދާފައި ވަނީ، އެމްއެމްޕީއާރުސީގެ ފައިސާއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދިން ކަމަށް ތުހުމަތު ކުރެވޭ ފައިސާގެ ވާހަކަ ނުދައްކާ ގޮތަށް ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.
ޝިޔާމުގެ އެ ތުހުމަތުތަކާ ގުޅިގެން ނިޒާމީ ނުކުތާ ނަންގަވައި ރޮޒެއިނާ ވިދާޅުވީ، އެނގި ހުރި ކަންތައްތައް ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާއާ ގުޅުވައިގެން ކަނޑައެޅިގެން ދޮގު ވާހަކަތައް ދައްކާއިރު، އެއީ އެނގި ހުރި ކަމެއްކަމަށްވާ ނަމަ ހެތްކާއެކު އެކަން ފުލުހަށް ހުށަހަޅަންޖެހޭ ކަމަށެވެ. އަދި އަބުރު ކަލިލުމުގެ ބޭނުމުގައި މަޖިލީހުގައި ނެތް މީހެއްގެ ވާހަކަ ދޮގު ހަދައިގެން ދެއްކުމަކީ މަޖިލިސް ގަވާއިދު ތަން ދޭ ކަމެއް ނޫން ކަމަށްވެ ވިދާޅުވިއެވެ.
ރޮޒެއިނާ ނެންގެވި ނިޒާމީ ނުކުތާއާ ގުޅިގެން އީވާ ވިދާޅުވީ، މަޖިލިސް ގަވާއިދުގެ ވާހަކަ ކަނޑައެޅިގެން ރޮޒެއިނާ ވިދާޅުވާއިރު، ގަވާއިދުގެ އެ މާއްދާ ވިދާޅުވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"މަޖިލީހުގެ ގަވާއިދަކު ނޯންނާނެ ތެދު ބަހުން ވާހަކަ ދެއްކުމަކަށް، އެެހެންވީމާ އެއީ ނިޒާމާ ބެހޭ މައްސަލައެއް ނޫން،" ކުރެއްވި ސުވާލަށް ރޮޒެއިނާ އެއްޗެއް ވިދާޅުނުވުމުން އީވާ ވިދާޅުވިއެވެ.
ނިޒާމީ ނުކުތާ ނަންގަވައި، އީވާގެ އެ ވާހަކައަށް ރައްދު ދެއްވަމުން ރޮޒެއިނާ ވިދާޅުވީ، އިސްލާމް ދީނާ ހިލާފު ނުވާ ގޮތަށް ވާހަކަދައްކަން ޖެހޭނެ ކަމަށް މަޖިލިސް ގަވާއިދުގައި ބުނާ ކަމަށެވެ. މީހުންނާ ގުޅޭ ގޮތުން ކަނޑައެޅިގެން ދޮގު ހެދުމަކީ އިސްލާމް ދީނުގައި މަނާ ކަމެއް ކަމަށްވެސް ވިދާޅުވިއވެ.
ނަމަވެސް އިވާ އެއްވެސް އެއްޗެއް ވިދާޅެއް ނުވެ ޝިޔާމަށް ފުރުސަތު ދެއްވިއެވެ.
އެ ބިލަށް ވާހަކަ ދެއްކުމަށް ޝިޔާމަށް ލިބުނު ދެވަނަ ފުރުސަތުގައި، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅުވައިގެން ރޮޒެއިނާއަށް އަމާޒުކޮށް ވާހަކަ ބައްޓަން ކުރެވުމުން އަނެއްކާވެސް ރޮޒެއިނާ ނުކުތާ ނަންގަވަން ފެއްޓެވިއެވެ.
ރޮޒެއިނާ ވިދާޅުވީ، އިސްލާމް ދީނުގެ އަދުލުތަކާ ހިލާފު ނުވެ، ރާއްޖޭގެ ބަސް މޮށުމުގެ އަދަބުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން މަޖިލީހާއި މަޖިލީހުގެ އެއްވެސް މެންބަރެއްގެ އިއްޒަތާއި ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތުގެ މަތިން ޖަލްސާގެ ރިޔާސަތާ މުހާތަބުކޮށް ވާހަކަދެއްކުމަށް މަޖިލިސް ގަވާއިދުގައި ބުނެފައިވާ ކަމަށެވެ.
"އަޅުގަނޑުގެ އިއްޒަތާއި ކަރާމާތަށް އަރައިގަންނަ ގޮތަށް ތަކުރާރުކޮށް ދޮގު ވާހަކަތައް ޝިޔާމު ދައްކަމުން ގެންދާތީ މަޖިލީހުގެ ގަވާއިދުގެ 58 ވަނަ މާއްދާގެ (މ)ގެ ދަށުން ނިޒާމީ ނުގުތާ މި ނެގީ،" ރޮޒައިނާ ވިދާޅުވިއެެވެ.
އަދި އެއީ ނިޒާމީ ނުގުތާއެއް ނޫން ކަމަށް މަޖިލީހުގެ ރިޔާސަތަށް ވިދާޅެއް ނުވެވޭނެ ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ. ރޮޒައިނާގެ އެ ވާހަކައަށް މަޖިލީހުގެ ރިޔާސަތުން އީވާ އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު