ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ށ. ބިލެތްފަހި ސްކޫލުގެ ލައިބްރަރީ ތަރައްގީކޮށްފިއެވެ.

މި މަޝްރޫއު ހިންގާފައިވަނީ އެ ސްކޫލުގެ ޓީޗަރެއް ކަމަށްވާ އިސްމާއިލް ޝަރީފެވެ. ބީއެމްއެލުން ބުނީ މި ޕްރޮޖެކްޓުގެ ދަށުން ލައިބްރަރީއަށް އަލަށް 700 އެއްހާ ފޮތް އިތުރުކޮށް ފޮތްހަރުގަނޑު ހިމަނައި، ގޮނޑި، މޭޒު ފަދަ ފަރުނީޗަރު ހޯދައިދީފައިވާނެ ކަމަށެވެ.

މި މަޝްރޫއާ ގުޅޭ ގޮތުން އިސްމާއިލް ވިދާޅުވީ އެ ސްކޫލުގެ ލައިބްރަރީއަށް މި ގެނެވުނު ބަދަލާއެކު ފޮތް ކިޔުމަށާއި ފިލާވަޅުތައް ދަސްކުރުމަށް އިތުރު ކުދިން ޝައުގުވެރިވާނެ މާހައުލެއް ގާއިމުކުރެވިފައިވާ ކަމަށެވެ. އަދި ލައިބްރަރީއަށް އިނގިރޭސި އަދި ދިވެހި ފޮތް އިތުރުކޮށް ކުދިންނަށް ފޮތް ކިޔުމަށް އެކަށޭނެ މާހައުލެއް ގާއިމުވެގެން ދިއުމުގެ ސަބަބުން ސްކޫލުގެ ރީޑިން ޕްރޮގުރާމަށްވެސް އިތުރު ފުރިހަމަކަމެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެެވެ.

"މި ފުރުސަތުގައި ބިލެތްފަހި ކައުންސިލަށާއި ޓީޗަރުންނަށް، ލައިބްރޭރިއަންގެ އިތުރުން އެކި ގޮތްގޮތުން މި ޕްރޮޖެކްޓަށް އެހީވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަން،" އޭނާ ވިދާޅުވިއެވެ.

ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. އަދި މިއަހަރުގެ ދެވަނަ ކުއާޓާއަށް ހުށަހެޅުނު ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ބީއެމްއެލުން ބުނެއެވެ.