ސަތޭކަ އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑާއެކު އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ގދ. ފިޔޯރީއަށް މިއަދު ތައާރަފުކޮށްފިއެވެ.

އެ ހިދުމަތް ފިޔޯރީއަށް ތައާރަފުކުރުމާ ގުޅޭ ގޮތުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް މީޑިއާތަކަށް ވިދާޅުވީ އުރީދޫގެ އަމާޒަކީ ރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށާއި އެގޮތުން ރާއްޖޭގެ އާބާދީގެ 75 ޕަސެންޓަށް މިހާރު ސުޕަނެޓްގެ ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށެވެ.

"ބޮޑެތި ޑޭޓާ އެލަވަންސްތަކާއި ހަލުވި ސްޕީޑްތަކާއި ޑޭޓާ ރޯލްއޯވާ ހިދުމަތް އެކުލެވޭ މި ޕެކޭޖުތަކަކީ މާކެޓްގައި އެންމެ ރަނގަޅު ޕެކޭޖުތައް. ވަރުގަދަ ނެޓްވޯކް ކަވަރޭޖެއްގައި ހަލުވި ސްޕީޑާއެކު ފެންވަރު ރަނގަޅު ހިދުމަތެއް ފިޔޯރީ ރައްޔިތުންނަށް ފޯރުކޮށްދެއްވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ހިދުމަތާއެކު ފިޔޯރީގެ ރައްޔިތުންނަށް އިތުރު ފުރުސަތުތަށް ހުޅުވިގެންދާނެ. ހަމަ މިފަދައިން މުޖުތަމައުގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީ ކުރިއެރުވުމުގައި އަަޅުގަނޑުމެން ދެމި ތިބޭނެ ކަމުގެ ޔަގީންކަން އަަރުވަން." ނިޔާޒު ވިދާޅުވިއެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫއިން ކުރާ މަސައްކަތުގެ ތެރެއިން ދާދި ފަހުން ވަނީ އުރީދޫ ސުޕަނެޓް ޕެކޭޖުތަކަށް ބޮޑެތި ބަދަލުތަކެއްވެސް ގެނެސް އަޕްގުރޭޑް ކޮށްފައެވެ.

މި ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތުރޮޓްލް އިންޓަނެޓް ސްޕީޑުވެސް ކަސްޓަމަރުންނަށް ލިބިގެންދެއެވެ. މީގެ އިތުރުން ސުޕަނެޓް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށްވެސް ޑޭޓާ ރޯލްއޯވާގެ ހިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާއާއި އެއްވެގެންދާނެއެވެ.

އުރީދޫން ބުނީ ފިޔޯރީގެ ރައްޔިތުންނަށް އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ހިދުމަތް، ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެ ކަމަށެވެ. އަދި އެ ހިދުމަތް ހޯދުމަށް ނުވަތަ ސުޕަނެޓް ޕެކޭޖުތަކާބެހޭ އިތުރު މައުލޫމާތު http://ore.do/getsupernet އިން ލިބޭނެ ކަމަށް ބުންޏެވެ.