އެމްޑަބްލިޔުއެސްސީން އެކި ކަންތައްތަކާ ގުޅިގެން ކުރަންޖެހޭ ދިރާސާތައް ވިލާ ކޮލެޖުން އެކަމަށް ޝައުގުވެރިވާ ދަރިވަރުންނާ ހަވާލުކޮށްގެން ކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެކަމަށްޓަކައި އެމްޑަބްލިޔުއެސްސީގެ ކަސްޓަމަރު ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހަސަން ޝާހެވެ. ވިލާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ކޮލެޖުގެ ރެކްޓަރު ޑރ. އަހުމަދު އަންވަރެވެ.

މި އެއްބަސްވުމާ ގުޅޭ ގޮތުން ޝާހު ވިދާޅުވީ އެމްޑަބްލިޔުއެސްސީން އެކި ދިރާސާތައް ކުރަންޖެހިފައިވާ ދާއިރާތައް ވިލާ ކޮލެޖާ ހިއްސާކުރާނެ ކަމަށާއި އެ ދާއިރާތަކުން ދިރާސާތައްކުރުމަށް ޝައުގެވެރިވާ ދަރިވަރުންނަށް އަމަލީ ގޮތުން އެ ދިރާސާތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބެގެންދާނެ ކަމަށެވެ.

އަދި ދިރާސާތައް ކުރިއަށްދާނީ އެ ކުންފުނީގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން ކަމަށާއި އެ ދިރާސާތައް ކުރުމަށް ބޭނުންވާ މާލީ އެހީތެރިކަމާއި ދިރާސާކުރާ ދަރިވަރުންނަށް އެލަވެންސްވެސް އެ ކުންފުނިން ދޭނެ ކަމަށް ޝާހު ވިދާޅުވިއެވެ.

އޭގެ އިތުރުންވެސް ދަރިވަރުންކުރާ ދިރާސާތަކުން އެންމެ ރަނގަޅު ދިރާސާތައް ފާހަގަކޮށް އެމްޑަބްލިޔުއެސްސީގެ މެމްބާޝިޕް އޮންނަ ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ހިންގާ ކޮންފަރެންސްތަކުގައި އެ ދިރާސާތައް ހުށަހެޅުމުގެ ފުރުސަތުވެސް ދަރިވަރުންނަށް ލިބޭނެ ކަމަށް ޝާހު ވިދާޅުވިއެވެ. އަދި އެފަދަ ކޮންފަރެންސްތަކުގައި ބައިވެރިވުމުގެ ހަރަދުތަކާއި ދިރާސާތައް ޝާއިރުކުރުމުގެ ހުރިހާ ހަރަދެއްވެސް ބަލަހައްޓާނީ އެ ކުންފުނިން ކަމަށް ވިދާޅުވިއެވެ.

"މި ފަހުމުނާމައިގެ ދަށުން ވިލާ ކޮލެޖުގެ ދަރިވަރުންނަށް އެމްޑަބްލިޔުއެސްސީގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން އަމަލީގޮތުން އިލްމީ ތަޖުރިބާ ހޯދުމުގެ ފުރުސަތުވެސް ހުޅުވިގެންދާނެ،" ޝާހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ކުންފުނީގެ އުއްމީދަކީ މި އެއްބަސްވުމުގެ ސަބަބުން އެކި ދާއިރާތަކުން އިލްމީ ދިރާސާތަކާއި ކަމަށް ގާބިލު ޒުވާނުން އުފައްދައި ސިނާއީ ދާއިރާތަކުން މުޖުތަމައަށް ފައިދާކުރަނިވި ޒުވާނުންތަކެއް ތަމްރީނުވެގެން ދިއުން ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ރެކްޓަރު ޑރ. އަންވަރު ވިދާޅުވީ އެ ކޮލެޖަކީ ރާއްޖޭގެ ތައުލީމީ މުއައްސަސާތަކުގެ ތެރެއިން ރިސާޗު ކުރުމުގެ ދާއިރާއިން އެންމެ ކުރީގައި އުޅޭ މުއައްސަސާ ކަމަށެވެ. އެގޮތުން އެކަމަށް ހާއްސަ ޑިޕާޓްމަންޓެއްވެސް އެ ކޮލެޖުގައި ހުުންނަ އިރު، އެ ކޮލެޖުގެ އަމިއްލަ ރިސާޗް ކޮންފަރެންސެއްވެސް އޮންނަ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުންވެސް ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮލެޖުގައި ދިރާސާކުރުމުގެ ތަޖުރިބާކާރުން އެބަ ތިއްްބެވި ކަަމަށާއި އަމާޒަކީ ބައިނަލްއަގުވާމީ ރިސާޗް ކޮންފަރެންސްތަކަށް ދެވޭ ފެންވަރަށް ކޮލެޖުގެ ދަރިވަރުން ތަމްރީނުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.