ތ. ފުނައްޑޫ އޮޕަރޭޝަނަށް ގެންނަން 10.2 މިލިއަން އެމެރިކާ ޑޮލަރު (157.3 މިލިއަން ރުފިޔާ) ހަރަދުކުރަންޖެހޭ ކަމަށް ފިޝަރީސް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމާ ގުޅޭ ގޮތުން ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ލިޔުމުން ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައެވެ.

މިނިސްޓަރު ވިދާޅުވީ، ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމާ ގުޅޭ ގޮތުން ހަދާފައިވާ އެސެސްމެންޓްގައި އެރަށުގައި ގާއިމުކޮށްފައިވާ މަސް ގަންނަ ފެކްޓްރީ އޮޕަރޭޝަނަށް ގެނައުމަށްޓަކައި އެ ރަށުގެ ބަނދަރުގެ ބޮޑު މަރާމާތެއް ކުރަންޖެހޭ ކަމަށެވެ.

އެ ބަނދަރު މިހާރު އޮތް ގޮތުން އެރަށުގެ ފެސިލިޓީއަށް ގަންނަ މަސް އެކްސްޕޯޓް ކުރުމަށް ނުވަތަ ރަށުން ބޭރުކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި ބަނދަރު ހެދުމާއެކު މުޅި ފެސިލިޓީ އެއްކޮށް މަރާމާތުކޮށް މަސް ގަނެވޭ ހާލަތަށް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކަށް 152.3 މިލިއަން ރުފިޔާ ހަރަދު ކުރަންޖެހެހޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް އެ ފައިސާއަކީ 2022 ވަނަ އަހަރު މަޖިލީހުން ފާސްކޮށްފައިވާ ބެޖެޓުގައި ހިމަނާފައިވާ ފައިސާއަކަށް ނުވާތީއާއި މިވަގުތު ދައުލަތުުގެ ކޭޝްފްލޯ ހުރި ހާލަތުން ދައުލަތުގެ ބަޖެޓުން އެ މިންވަރަށް ފައިސާ ދޫކުރުމުގައި ދަތިތަކެއް ހުރުމުން، ބޭންކުގެ ނިޒާމުގެ ތެރެއިން އެކަމަށް ބޭނުންވާ ފައިސާ ހޯދުމަށް މިފްކޯއަށް އަންގާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ފުނައްޑޫ އަޕަރޭޝަނަށް ގެނައުމާ ގުޅޭ ގޮތުން ހިންގި އެސެސްމެންޓުގައި އެތަން އޮޕަރޭޝަނަށް ގެނައުމަށް ހިނގާނެ ކަމަށް އަންދާޒާ ކުރެވޭ މުއްދަތަކީ އެ މަސައްކަތް ފެށޭތާ އަށް މަސް ދުވަސް ކަމަށެވެ. އެހެންކަމުން އެކަމަށް ބޭނުންވާ ލޯނު ހަމަޖެހި ފުނައްޑޫއަށް މަސް ގަންނާނެ ކަމަށް މިހާރު އަންދާޒާ ކުރެވެނީ މެއި 2023ގައި ކަަމަށްވެސް ވިދާޅުވިއެވެ.