ކުޅިވަރާބެހޭ ގައުމީ މަޖިލީހުން ކަނޑައަޅާ ފަރާތްތަކުގެ އިންތިހާބާއި ގައުމީ ކުޅިވަރު ޖަމިއްޔާތަކުގެ އިންތިހާބުތައް އިލެކްޝަންސް ކޮމިޝަނުން ބާވަންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ކުޅިވަރާބެހޭ ގާނޫނު އިސްލާހުކޮށްފިއެވެ.
އެ ކޮމިޓީން އެގޮތަށް ގާނޫނު އިސްލާހުކޮށް، ފާސްކުރުމަށްޓަކައި ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވައިފައެވެ.
އެ ބިލުގައި މިހާރު އަމަލު ކުރަމުންދާ ކުޅިވަރާބެހޭ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ވަނީ ފާސްކޮށްފައެވެ. އެގޮތުން ކުޅިވަރާބެހޭ ގައުމީ މަޖިލީހަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހިމަނައިފައެވެ.
- 1 ކުޅިވަރާބެހޭ ވުޒާރާއިން މިނިސްޓަރު އައްޔަންކުރާ ދެ މެންބަރުން
- 2 މިނިސްޓަރު އައްޔަންކުރާ ދެ އަންހެން މެންބަރުން
- 3 އެޑިއުކޭޝަން މިނިސްޓްރީ ތަމްސީލުކުރުމަށް މިނިސްޓަރު އައްޔަންކުރާ އެއް މެންބަރު
- 4 މިނިސްޓަރު އައްޔަންކުރާ އެއް ގާނޫނީ ވަކީލު
- 5 ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން އޮލިމްޕިކް ކުޅިވަރުތައް ތަމްސީލުކުރުމަށް ދެ މެންބަރުން އަދި ނޮން އޮލިމްޕިކް ކުޅިވަރުތައް ތަމްސީލުކުރުމަށް ދެ މެންބަރުން
- 6 މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީން ކަނޑައަޅާ އެއް މެންބަރު
ގާނޫނުގެ 12 ވަނަ މާއްދާގައި ބުނެފައިވާ 11 މެންބަރުންގެ މައްޗަށް އެކުލެވޭ ކުޅިވަރާބެހޭ ގައުމީ މަޖިލިސް އެތުރިފައިވާ ގޮތަށް ބަދަލުގެނައުމަށް އެ މާއްދާގެ (ނ)ގެ ތިންވަނަ ނަމްބަރު އިސްލާހުކޮށް، ތައުލީމީ ދާއިރާ ތަމުސީލު ކުރުމަށް ތައުލީމާބެހޭ ވަޒީރު އައްޔަންކުރާ އެއް މެމްބަރު ހިމެނުމަށް ވަނީ ފާސްކޮށްފައެވެ.
އަދި ހަތަރު ވަނަ ނަންބަރުގައި ހިމެނޭ މިނިސްޓަރު އައްޔަންކުރާ ގާނޫނީ ވަކީލުގެ ބަދަލުގައި މޯލްޑިވްސް ބާ ކައުންސިލް ތަމުސީލު ކުރުމަށް އެ ކައުންސިލުގެ އެގްޒެކްޓިވް ކޮމިޓީން އައްޔަންކުރާ އެއް ގާނޫނީ ވަކީލު ހިމެނުމަށްވެސް ވަނީ ފާސްކޮށްފައެވެ.
މީގެ އިތުރުން އެ މާއްދާގެ (މ)ގެ ފަހަރަށް އަކުރުތަކެއް އިތުރުކޮށް، ގައުމީ މަޖިލީހުގައި ހިމެނޭ ބައެއް މެންބަރުން އިންތިހާބު ކުރަންޖެހޭ ގޮތަށް ވަނީ ގާނޫނު ބަދަލުކޮށްފައެވެ.
އެގޮތުން ފަސްވަނަ ނަންބަރުގައި ބުނެފައިވާ، ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން އޮލިމްޕިކު ކުޅިވަރުތައް ތަމުސީލު ކުރުމަށް ކަނޑައަޅާ ދެ މެންބަރުންގެ ތެރެއިން އެއް މެމްބަރާއި ނޮން އޮލިމްޕިކު ކުޅިވަރިތައް ތަމުސީލުކުރުމަށް ކަނޑައަޅާ ދެ މެންބަރުންގެ ތެރެއިން އެއް މެމްބަރު ވާންވާނީ އަންހެނަކަށް ކަމަށްވެސް ފާސްކޮށްފައިވެއެވެ.
އަދި އެ މަގާމުތަކަށް މީހުން ކަނޑައަޅާނީ އާއްމުކޮށް ހުޅުވާލައިގެން ބާއްވާ އިންތިހާބަކުން ކަމަށާއި އެ އިންތިހާބު ބާއްވާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށާއި މެމްބަރު ކަމަށް ހޮވޭނީ އެ އިންތިހާބުގައި ވާދަކުރި ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބުނު ފަރާތްތައް ކަމަށްވެސް ކަނޑައަޅާފައިވެއެވެ.
އެކަމަށްޓަކައި އެ ގާނޫނުގެ 51 ވަނަ މާއްދާގެ ފަހަތަށް ވަކި މާއްދާއެއް ވަނީ އިތުރުކޮށްފައެވެ.
އެ މާއްދާގައި ބުނަނީ، ކުޅިވަރާބެހޭ ގައުމީ މަޖިލީހުން ކަނޑައަޅާ ފަރާތްތަކުގެ އިންތިހާބާއި ގައުމީ ކުޅިވަރު ޖަމިއްްޔާތަކުގެ ހިންގާ ކޮމިޓީތަކުގެ އިންތިހާބުތައް ބާއްވާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށާއި އެ އިންތިހާބުތަކާ ގުޅޭ އެންމެހާ ކަންކަން އިންތިޒާމުކުރާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށެވެ. އަދި އެ އިންތިހާބުތައް ބޭއްވުމަށް ބޭނުންވާ އެންމެހާ ލިޔެކިޔުމާއި އެހެނިހެން ވަސީލަތްތައް ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކުން އިލެކްޝަންސް ކޮމިޝަނަށް ފޯރުކޮށްދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އޭގެ އިތުރުން ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ މެންބަރުންގެ ތެރެއިން ދައުލަތުގެ އެއްވެސް އެހެން އިދާރާއަކުން މުސާރައެއް ނުވަތަ އިނާޔަތެއް ލިބޭ މެންބަރުން ފިޔަވައި އެހެން މެންބަރުންނަށް އިނާޔަތެއް ކަނޑައެޅިދާނެކަމަށްވެސް ވަނީ ހިމަނައިފައެވެ.
މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށީގެން ހަ މަސް ދުވަހުގެ ތެރޭގައި ކުޅިވަރާބެހޭ ގައުމީ މަޖިލިސް އަލުން އެކުލަވާލަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެެރެއިން މިނިސްޓަރުގެ މަސްއޫލިއްޔަތާއި ބާރުތައް ހިމެނޭ ވަކި ބާބެއް ގާނޫނަށް އިތުރު ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ހަރުދަނާކުރުމަށް އިތުރު އިސްލާހުތަކެއް ގެނަސް އެ ކޯޕަރޭޝަނާއި ލޯކަލް ކައުންސިލްތަކާ އޮންނަ ގުޅުން ރަނގަޅުކޮށް ރަށްރަށުގެ ކުޅީވަރުގެ ވަސީލަތްތައް ތަރައްގީކުރުމަށް، އެ ކޯޕަރޭޝަނާ ހަވާލު ކުރެވޭ ގޮތަށް ވަކި މާއްދާއެއް ގާނޫނަށް ވަނީ އިތުރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު