ހައި ސްޕީޑް ފެރީ ނިޒާމާއެކު ރާއްޖޭގެ އިގުތިސޯދު އެކަތިގަނޑަކަށްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ގައުމީ ފެރީ ނިޒާމް، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) އިފުތިތާހުކުރުމަށް ވާޗުއަލްކޮށް ރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން މުޅި ރާއްޖެ ގުޅިގެންދާނެ ކަމަށެވެ. އަދި އެ ހިދުމަތުގެ ސަބަބުން ރާއްޖޭގެ ރަށްތައް ގުޅި އޭގެ ފޮނި މީރުކަން ރައްޔިތުންނާއި އިގުތިސޯދަށާއި ވިޔަފާރިވެރިންނަށް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

"އާރްޓީއެލްގެ ސަބަބުން އަޅުގަނޑުމެންގެ ފެތުރިފައިވާ އިގްތިސޯދު ހަގީގަތުގައި އެކައްޗަކަށް މި ހަދާދެނީ. ކުދިކުދި މާކެޓުތަކެއް ހުރި ހުރުން އެއް މާކެޓަކަށް މި ބަދަލުވަނީ" މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އާރްޓީއެލް މަޝްރޫއަކީ ރައީސޫލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އިގުތިސޯދީ ސިޔާސަތުގެ މުހިންމު މަޝްރޫއުއެއް ކަމަށެވެ.

އާރްޓީއެލްގެ ހިދުމަތް އިއްޔެ ރަސްމީކޮށް ފެށިއިރު، ފުރަތަމަ ހިދުމަތްދޭން ފަށާފައިވަނީ ޒޯން އެކެއްގައި ހިމެނޭ ހދ އަތޮޅަށެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 800 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.