ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދިޔަ ނަމަވެސް ދަތުރުފަތުރުގެ ނިޒާމު ވަރުގަދަނުކޮށް ގައުމު ތަރައްގީ ނުކުރެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ގައުމީ ފެރީ ނިޒާމު ނުވަތަ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ރަސްމީކޮށް ފެށުމުގެ ގޮތުން ރޭ ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ނަހުލާ ވިދާޅުވީ، ރާއްޖެ ތަރައްގީކޮށް ލާމަރުކަޒީ ކުރުމަށް ވަރުގަދަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުވެފައި އޮންނަންޖެހޭ ކަމަށެވެ. އަދި ދުވެލި ބާރު ފެރީތަކެއް ބޭނުންކޮށްގެން ދަތުރުފަތުރުގެ ނިޒާމު ސަރުކާރުން ފެށީ އެ ބޭނުމުގައި ކަމަށް ވިދާޅުވިއެވެ.

"ގައުމެއްގައި ބޮޑެތި ޕްރޮޖެކްޓުތަކެއް ހިންގިޔަސް އެ ގައުމެއްގައި ދަތުރުފަތުރުގެ ނިޒާމު ވަރުގަދަ ނުވާ ނަމަ އެގައުމެއް ކުރިއަކަށް ނުދާނެ. މިއަދު މި ފެއްޓޭ މިވަރުގަދަ ނިޒާމުގެ ތެރެއިން ރާއްޖެއަށް ހަމަގައިމުވެސް ތަރައްގީ ގެނުވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މި ސަރުކާރަކީ ޓްރާންސްޕޯޓް ޕޮލިސީއަށް އަހައްމިއްޔަތުކަން ދޭ ސަރުކާރެއްކަން ފާހަގަކުރައްވައި މިނިސްޓަރު ނަހުލާ އިތުރަށް ވިދާޅުވީ، ފެރީ ނިޒާމުން ރާއްޖޭގެ ހުރިހާ ރަށެއް ގުޅާލާއިރު އެންމެ ހާއްސަ އިސްކަމެއް ދޭނީ ސަލާމަތާއި ރައްކާތެރިކަމަށާއި އަދި އަވަހަށް އެމީހެއްގެ ރަށަށް ފަސޭހަކަމާ އެކު ދެވޭނެ ގޮތްތަކެއް ހަމަޖެއްސުމަށް ކަމަށެވެ.

އާރްޓީއެލްގެ ހިދުމަތް ރަސްމީކޮށް ރޭ އިފުތިތާހުކުރި އިރު، ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ މިއަދެވެ. އެ ހިދުމަތް ފުރަތަމަ ފަށާފައިވަނީ ހދ އަތޮޅަށެވެ.