ބެންކޮކް އެއާވޭސްއިން އަންނަ މަހު ރާއްޖެއަށް އަލުން ދަތުރުތައް ފަށަން ނިންމައިފިއެވެ.

ބެންކޮކް އެއާވޭސްއިން މީގެ ކުރިން ވެސް ރާއްޖެއަށް ދަތުރުތައް ކުރިއެވެ. ނަމަވެސް ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު އެ ދަތުރުތައް މެދުކަނޑާލިއެވެ.

ބޭންކޮކް އެއާވޭސް އިން މިއަދު ބުނީ މީގެ ކުރިން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް ކުރިއެކޭވެސް އެއްގޮތަށް އަންނަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާނެ ކަމަށެވެ.

މީގެ ކުރިން އެ އެއާލައިނުން ރާއްޖެ އަށް ހަފުތާއަކު ހަތަރު ދަތުރު ކުރިއެވެ.

ބެކްކޮކް އެއާލައިންގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށުމާއެކު ކޮންމެ އާދިއްތަ، ހޯމަ، ބުދަ، އަދި ހުކުރު ދުވަހު ބޭންކޮކުން ރާއްޖެއަށް ދަތުރު ކުރެވޭނެއެވެ.

ތައި އެއާ އޭޝިއާ އިން ވެސް ގެންދަނީ ރާއްޖެ އާއި ތައިލެންޑްގެ ބެންކޮކާ ދެމެދު ދަތުރުތައް ކުރަމުންނެވެ. މިދިޔަ ޑިސެމްބަރު 22 ވަނަ ދުވަހު ފެށި މިދަތުރުތައް ކުރަނީ ހަފުތާ އަކު ދެ ދުވަހުއެވެ.