ރާއްޖޭގެ ރަށްތައް ގުޅުވާލަދޭ ދަތުރުފަތުރުގެ ނިޒާމު "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް"ގެ ދަށުން "ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ހިދުމަތް ރަސްމީކޮށް މާދަމާ ފަށާނެއެވެ.
އާރްޓީއެލްގެ ހިދުމަތް މާދަމާ ފަށަނީ ޒޯން އެކެއްގައި ހިމެނޭ ހދ. އަތޮޅުގެ ރަށްތަކަށެވެ. ހދ. އަތޮޅުގެ ރަށްތަކަށް އެ ފެރީގެ އަގުތައް އުޅެނީ ދެކޮޅަށް، 65 ރުފިޔާ އާއި 200 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. އެ އަގުތަކަކީ ސަރުކާރުން ސަބްސިޑައިޒްކުރުމަށް ފަހު ކަނޑައަޅާފައިވާ އަގުތަކެކެވެ. އެގޮތުން އެ ހިދުމަތުގެ އަގުތައް ހެޔޮކުރުމަށް ގާތްގަނޑަކަށް 50 މިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ހިމަނައިފައެވެ.
"އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" އަކީ ރާއްޖޭގެ ރަށްތައް ހައިސްޕީޑް ފެރީ ނިޒާމަކުން ގުޅުވާލުމަށް ސަރުކާރުން ފަށާފައިވާ ބޮޑު މަޝްރޫއެކެވެ. މި ހިދުމަތުގައި ބޭނުންކުރާ ފެރީތަކަކީ ފަސިންޖަރުންގެ ރައްކާތެރިކަމާއި ސަލާމަތާއި ފަސޭހައަށް ވިސްނައި ފަރުމާކޮށް ބަނދެފައިވާ 50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ.
މި މަޝްރޫއު ކުރިއަށްގެންދަނީ ތިން ފިޔަވައްސަކަށް ބަލާލައިގެންނެވެ. އެގޮތުން ފޭސް އެކެއްގައި ހިމެނެނީ ހއ، ހދ އަދި ށ އަތޮޅެވެ. ފޭސް ދޭއްގައި ހިމެނެނީ ނ، ރ، ބ، ޅ، ގއ، ގދ، ޏ އަދި ސ އެވެ. ތިން ވަނަ ފިޔަވަހީގައި ހިމެނެނީ ކ، އއ، އދ، ވ، މ، ފ، ދ، ތ، އަދި ލ އަތޮޅެވެ.
އާރްޓީއެލްގެ ޕެސެންޖާ ފެރީ ގުޅާލެވިގެންދަނީ ތަފާތު ތިން ގޮތަކަށެވެ. އެއީ ކޮމިއުޓް ލިންކް، ނޮން ކޮމިއުޓް ލިންކް އަދި ހައިވޭ ލިންކެވެ.
ކޮމިއުޓް ލިންކަކީ ކައިރި ރަށްތައް ގުޅުވައިދޭ ކުރު ދަތުރުތަކަށް ހާއްސަ ލިންކެވެ. ނޮން ކޮމިޓް ލިންކަކީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް ހަމަޖައްސާފައިވާ ލިންކެވެ. ހައިވޭ ލިންކަކީ އެއް ރީޖަންގެ ދަތުރުފަތުރުގެ ހަބް އާއި އަނެއް ރީޖަންގެ ދަތުރުފަތުރުގެ ހަބް ގުޅުވައިދޭ ލިންކެވެ.
ހައި ސްޕީޑް ފެރީ ނިޒާމަކުން ރާއްޖެ ގުޅައިލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ރާއްޖެ އާރުޓީއެލްގެ ދަތުރުތައް އެމްޓީސީސީން ފެށީ މިދިޔަ ފިތުރު އީދު ދުވަހުއެވެ. މި ހިދުމަތަކީ މުޅިން އަލަށް ފެށި ހިދުމަތަކަށް ވުމުން އެކަމަށް އަހުލުވެރިކުރަން މިދިޔަ މެއި މަހުގެ ދިހަވަނަ ދުވަހުގެ ނިޔަލަށް ހދ. އަތޮޅުގެ ދަތުރުތައް އެމްޓީސީސީން ވަނީ ހިލޭ ކޮށްދީފައެވެ.
އާރްޓީއެލްގެ ހިދުމަތް މާދަމާ ރަސްމީކޮށް ފަށާއިރު، މާދަމާއިން ފެށިގެން އެ ނިޒާމުގައި ހިމެނޭ ފެރީތަކުން ދަތުރުކުރެވޭނީ ޓިކެޓް ނަގައިގެންނެވެ. އާރްޓީއެލްގެ ޓިކެޓް ނަގަން ހާއްސަ އެޕްލިކޭޝަނެއް ތައާރަފްކޮށްފައިވާއިރު، އާރްޓީއެލްގެ ވެބް ޕޯޓަލް މެދުވެރިކޮށްވެސް ޓިކެޓު ނެގޭނެއެވެ. އަދި ފެރީ ހަޓްތަކާއި ފެރީތަކުންވެސް ޓިކެޓު ނެގޭނެއެވެ. އެ ފެރީތަކުން ތިން އަހަރުން ދަށުގެ ކުދިންނަށް އަގު ނުނަގާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ހިލޭ ދަތުރުކުރެވޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު