މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީގައި ކިޔަވަމުން އަންނަ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ނުވަތަ އައްޑޫ ފްލައިން ސްކޫލް ކުރީގެ ދަރިވަރުން ޕައިލެޓް ކޯސް ފުރިހަމަ ކުރުމަށް އުދުހެން ޖެހޭ ވަގުތާއި ހަރަދު ވެސް ކުޑަވާނެ ގޮތަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން (އައިއޭއެސް) މިއަދު ބުނެފިއެވެ.

އައިއޭއެސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ މިއަދު "ވަން" އަށް ވިދާޅުވީ ސިވިލް އޭވިއޭޝަން އާ މަޝްވަރާކުރުމަށްފަހު މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީގައި ކިޔަވަމުން އަންނަ އޭއޭއޭގެ ދަރިވަރުން ކޮމާޝަލް ޕެސެންޖާ ލައިސެންސް އިންޓަގްރޭޓެޑާއި ކޮމްޕީޓެންސީ ބޭސްޑް އިންސްޓްރޫމަންޓް ރޭޓިން މޮޑިއުލާ ޕްރޮގްރާމަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.

އޭގެ ސަބަބުން އެ ދަރިވަރުން ކޯސް ފުރިހަމަކުރުމަށް އުދުހެންޖެހޭ ވަގުތާއި ހަރަދު ކުޑަވާނެ ކަމަށް ޖެނިފާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ ބަދަލު ގެންނަން ނިންމިކަން ހުރިހާ ދަރިވަރުންނަށް އީމެއިލްއަކުން މިހާރު އަންގާފައިވާ ކަމަށެވެ.

ސްރީ ލަންކާގެ އޭއޭއޭ ކުންފުނިން އައްޑޫގައި ހިންގި ފްލައިން ސްކޫލް ބަންދުކުރުމުން، ކިޔެވުން ނުނިމި ތިބި 150 ދަރިވަރުންގެ ތެރެއިން 35 ދަރިވަރުން، މިދިޔަ ޖެނުއަރީ މަހުން ފެށިގެން އަންނަނީ މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީގައި ކިޔަވަމުންނެވެ. އެ ދަރިވަރުން ފެންވަރު ބެލުމުގެ އެ އެކަޑަމީން 150 ގަޑިއިރުގެ ތިއަރީ އާއި 10 ގަޑިއިރުގެ ފްލައިން ހިމެނޭ "ރިފްރެޝާ" ކޯސް ފުރިހަމަކުރުމަށްފަހު އުދުހުމުގެ ބައި އަދި ނުފަށައެވެ.

އުދުހުން ނުފެށި ލަސްވާ ސަބަބާ ގުޅޭ ގޮތުން ޖެނިފާ ވިދާޅުވީ އިތުބާރު ހިފޭ ލެވަލް އަށް ޓެކްނިކަލް އަދި ސޭފްޓީގެ ކަންކަން ދިޔުމުން ނޫނީ ސްކޫލުގައި އުދުހުން ނުފެއްޓޭނެ ކަމަށެވެ. އަދި މާ ލަސްތަކެއް ނުވެ އެކަން ފެށޭނެ ކަމަށްވެސް ޖެނިފާ ވިދާޅުވިއެވެ.

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީއަކީ ޕައިލެޓުން ތަމްރީނުކުރުމަށް ޗެކް ރިޕަބްލިކްގެ ފްލައިން ސްކޫލެއް މެދުވެރިކޮށް އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އިން ރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އާއެކު ދާދި ފަހުން އުފައްދާފައިވާ ޖޮއިންޓްވެންޗާ ކުންފުންޏަކުން ހިންގާ އެކަޑަމީއެކެވެ.