ރާއްޖޭގެ އިގުތިސާދު މި އަހަރު ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ކުރިން ލަފާކުރި މިންވަރު މުރާޖައާކޮށް އެ އަދަދު 3.4 ޕަސެންޓް ދަށްކޮށްފިއެވެ.
ވޯލްޑް ބޭންކުން ކުރިން ލަފާކޮށްފައިވާ ގޮތުގައި ރާއްޖޭގެ އިގުތިސާދު މިއަހަރު 11 ޕަސެންޓް ކުރިއަރާނެއެވެ. ނަމަވެސް އެ ޖަމިއްޔާއިން އިއްޔެ ނެރުނު 'ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް' ރިޕޯޓުގައި އެ އަދަދު ވަނީ 7.6 ޕަސެންޓަށް ދަށްކޮށްފައެވެ.
ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ މިންވަރު ދަށަށް ދާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައިވާ ސަބަބުތަކަކީ ރަޝިޔާ-ޔޫކްރެެއިން ހަނގުރާމައިގެ ސަބަބުން ޓޫރިސްޓުން އަންނަ މިންވަރު ލަފާކުރި ވަރަށްވުރެ ދަށްވުމާއި އިގުތިސާދަށް އަންނަ ލޮޅުންތަކުގެ ސަބަބުން ލަފާކުރި ވަރަށް އިންވެސްޓްމަންޓްތައް ނުލިބުމެވެ.
ވޯލްޑް ބޭންކުގެ ރިޕޯޓުގައި ރާއްޖެއާއެކު ދެކުނު އޭޝިއާގެ ގިނަ ގައުމުތަކުގެ އިގުތިސާދު މި އަހަރު ދަށަށް ދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެގޮތުން މުޅި ދެކުނު އޭޝިއާގެ އިގުތިސާދީ ކުރިއެރުން ދެ ޕަސެންޓަށް ދަށަށް ދާނެ ކަމަށް ލަފާކޮށްފައިވެއެވެ.
ވަކިވަކި ގައުމުތަކަށް ބަލައި އިރު، އަވައްޓެރި އިންޑިއާގެ އިގުތިސާދު 7.1 އަށް ދަށަށް ދާނެ ކަމަށް ލަފާކޮށްފައިވާއިރު، ބަންގްލަދޭޝްގެ ކުރިއެރުން 6.4 ޕަސެންޓަށް އަދި ޕާކިސްތާނުގެ އިގުތިސާދު ހަތަރު ޕަސެންޓަށް ދަށަށް ދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އޭގެ އިތުރުން އަވައްޓެރި ލަންކާގެ ކުރިމަގު އޮތީ ނުތަނަވަސްކަން ބޮޑު ހާލަތުގައިކަންވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުން، ދެކުނު އޭޝިއާ ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލައި އިރު، ރާއްޖޭގެ އިންފްލޭޝަން އަދި ހުރީ ދަށުގައެވެ. ރާއްޖޭގެ އިންފްލޭޝަން ހުރީ އެއް ޕަސެންޓުގައި ހިފެހެއްޓިފައި ކަމަށާއި އިންފްލޭޝަން އަދި މައްޗަށް ނުގޮސް ހިފެހެއްޓިފައި ވަނީ ސަރުކާރުން ސަބްސިޑީ ދެމުން ގެންދާތީއާއި ރާއްޖޭގައި ޑޮލަރުގެ ރަސްމީ އަގު ވަކި ވަރެއްގައި ހިފަހައްޓާފައިވުމުން ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.
ވޯލްޑް ބޭންކުގެ ރިޕޯޓުގައި އިންވެސްޓްމަންޓުތައް މަދުވުމުގެ ސަބަބުން ކުރިއަށް އޮތް 10 އަހަރެއްހާ ދުވަހު އިގުތިސާދުތައް މަޑުޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި އެތައް އަހަރެއްގެ ތެރޭ ގިނަ ގައުމުތަކަށް ކުރިމަތިވެފައިވާ އެންމެ މަތީ އިންފްލޭޝަނާ އެކު ސަޕްލައިތައް އިތުރުކުރުމަށް ހުރި ދަތިތަކާ ހެދި ދިގު މުއްދަތެއް ވަންދެން އިންފްލޭޝަންގެ އަސަރު ދެމި ހުންނާނެ ކަމަށްވެސް ބުނެފައިވެއެވެ.
ޔޫކްރެއިންގެ ހަނގުރާމައާއި ޗައިނާގެ ލޮކްޑައުންތަކުން ސަޕްލައި ޗެއިނަށް ބުރޫއެރުމާއި ދުނިޔޭގެ ބާޒާރުގައި ކާބޯތަކެއްޗާއި ހަކަތައިގެ ބާވަތްތަކުގެ އަގު އުފުލެމުން ގޮސް ދިގު މުއްދަތަކަށް ގައުމުތަކުގެ އިގުތިސާދު ކުރިއަރާ މިންވަރު މަޑުޖެހި ސްޓޭގްފްލޭޝަންގެ ނުރައްކާ އިތުރުވެފައިވާ ކަމުގެ އިންޒާރުވެސް އެ ރިޕޯޓުގައި ދީފައިވެއެވެ.
އެ ރިޕޯޓުގައި އިތުރަށް ވަނީ، ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވާނެ އެންމެ ނުބައި ނަތީޖާތަކުން ސަލާމަތްވުމަށްޓަކައި އަޅަން ފެންނަ ފިޔަވަޅުތައްވެސް ފާހަގަކޮށްފައެވެ. އެގޮތުން ތެލާއި ކާބޯތަކެތީގެ އަގު ބޮޑުވުމުން ލިބޭ ގެއްލުން ކުޑަކުރުމަށާއި ދަރަނި ލުއިކުރުން އަވަސްކުރުމަށާއި ދުނިޔޭގެ މުދަލުގެ މާކެޓުތައް ރަނގަޅަށް ކުރިއަށް ގެންދިއުމަށް ގައުމުތަކުން ވަރުގަދަ ސަޕްލައި ރެސްޕޮންސްތަކެއްވެސް ދޭންޖެހޭ ކަމަށްވެސް ބުނެފައިވެއެވެ.
ވޯލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މުދަލުގެ އަގު ބޮޑުވުން އިތުރަށް ގޯސްވެ ނުދިއުމަށް ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން އަގު ކޮންޓްރޯލް ކުރުމާއި ސަބްސިޑީ ދިނުމާއި އެކްސްޕޯޓް މަނާކުރުން ފަދަ ސިޔާސަތުތަކުން ދުރުހެލިވާންޖެހެއެވެ.
އެގޮތުން ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ހަކަތައިގެ ބާވަތްތަކަށް އެންމެ ބޮޑު ސަބްސިޑީއެއް ދެނީ ރާއްޖެއާއި ބަންގްލަދޭޝް އަދި ޕާކިސްތާނުންކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ އިރު، ހަކަތައިގެ އަގުތައް ބޮޑުވަމުންދާ ވަރަކަށް އިމްޕޯޓަށް ކުރަންޖެހޭ ހަރަދު ބޮޑުވެ، ކަރަންޓް އެކައުންޓުގެ ދަރަނި ބޮޑުވެ އަދި ސަރުކާރުގެ ހަރަދުވެސް ބޮޑުވާނެ ކަމަށް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު