ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓު އެރަށަށް ގެންގޮސްފިއެވެ.

އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނީ ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ފަތާ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓު މިދިޔަ ބުރާސްފަތި ދުވަހު އެރަށަށް ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ކެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ފަތާ ސަރަހައްދެއް ކޮނުމާއި 803 މީޓަރު ބޭރުތޮށި ލުމާއި 80 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 90 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ އަގަކީ 39.9 މިލިއަން ރުފިޔާއެވެ.