"އަޔާޓާ"ގެ އޮތޮރައިޒްޑް ޓްރެއިނިން ސެންޓަރެއްގެ ގޮތުގައި އެވިޑް ކޮލެޖް ހަމަޖެހިގެން ދިއުމާ ގުޅިގެން ކަމާ ގުޅުންހުރި ފަރާތްތަކަށް އަމާޒުކޮށްގެން މައުލޫމާތު ބަދަލުކުރުމުގެ ސެމިނާއެއް ބާއްވައިފިއެވެ.

"ޕަސްޕެކްޓިވްސް އެންޑް ފިއުޗާ އެވެނިއުސް ފޯ ޓްރެވެލް އެންޑް އޭވިއޭޝަން އިންޑަސްޓްރީ"ގެ ނަމުގައި މިދިޔަ ބުދަ ދުވަހު ބޭއްވި މި ސެމިނާގައި ކަމާގުޅޭ ދާއިރާތަކުން 40 ބޭފުޅުން ބައިވެރިވިއެވެ.

ސެމިނާގައި އޭވިއޭޝަން ދާއިރާގައި "އަޔާޓާ" ގެ ދައުރަކީ ކޮބައިކަމާއި ކޮވިޑްގެ ސަބަބުން ޓްރެވެލް އިންޑަސްޓްރީއަށް ކުރި އަސަރު އަދި ދިމާވި ގޮންޖެހުންތަކާއި "އަޔާޓާ" ސެޓިފިކޭޝަންއާ ގުޅުމުން ހުރި ފައިދާ އާއި "އަޔާޓާ" އޮތޮރައިޒްޑް ޓްރެއިނިން ސެންޓަރެއްގެ ދައުރާ ގުޅޭ ގޮތުން މައުލޫމާތު ދީފައިވާ ކަމަށް އެވިޑް ކޮލެޖުން ބުންޏެވެ.

މި ސެމިނާގައި ސްޕީކާގެ ހައިސިއްޔަތުން ހަރަކާތްތެރިވީ އަޔާޓާ ރީޖަނަލް ޓްރެއިނިން ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރު ލޮކޭޝް މައްޓާއެވެ.

މި ސެމިނާގައި އެވިޑް ކޮލެޖްގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދު އަދި ރެކްޓަރު، ޑރ. ސުނީނާ ރަޝީދު އާއި ކޮލެޖްގެ ސީނިއާ ބައެއް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެވިޑް ކޮލެޖަކީ ރާއްޖޭގައި މަތީ ތައުލީމު އަތް ފޯރަފަދަ އަގެއްގައި ފޯރުކޮށްދެމުންގެން އަންނަ އަމިއްލަ އެންމެ ބޮޑު އެއް ކޮލެޖެވެ.