"ޑްރެއިންޑް ކަނޑުމަސް ޗަންކްސް"ގެ ނަމުގައި މިފްކޯއިން މުޅިން އާ މަސްދަޅެއް ތައާރަފްކޮށްފިއެވެ.

މިފްކޯއިން މި މަސްދަޅު އިފްތިތާހުކޮށްފައި ވަނީ ހުޅުމާލޭގައި މިހާރު ކުރިއަށްދާ ފުޑް އެންޑް ބެވަރޭޖް ޝޯގައެވެ. މަސްދަޅު އިފްތިތާހްކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.

މިފްކޯއިން މިއަދު ބުނީ މި މަސްދަޅަކީ އުފެއްދުންތެރި ޓެކްނޮލޮޖީއެއްގެ އެހީގައި ކުޑަތެޔޮފޮދެއްގައި ތައްޔާރުކުރެވިފައިވާ މަސްދަޅެކެވެ. މިއީ މިބާވަތުގެ މަސްދަޅު ރާއްޖެއަށް ތައާރަފްކުރި ފުރަތަމަ ފަހަރެވެ.

މިފްކޯއިން ބުނީ މި މަސްދަޅު ބޭނުންކުރާ ފަރާތްތަކަށް ގިނަ ފަސޭހަތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން ދަޅުގައި އެކުލެވޭ ތެޔޮ އުކާލަން ނުޖެހުމުގެ ސަބަބުން ކެއްކުމުގައި މި މަސްދަޅު ބޭނުންކުރަން ފަސޭހަވެފައި، ކެއްކުމުގެ ތެރޭގައި ތެލުގެ ސަބަބުން ބަދިގެތެރެ ތަގައްޔަރުވުން ކުޑަކޮށްދޭނެ ކަމަށް މިފްކޯއިން ބުނެއެވެ.

"މިއީ ހައްޓަށް ފަސޭހަ ޓައްޕަށް ފަސޭހަ ކައްކަން ފަސޭހަ މަސްދަޅެއް. މިހާރު އުފައްދާ ޗަންކްސް އިން އޮއިލްއާ އަޅާބަލާއިރު ނިސްބަތުން އަގުވެސް ހެޔޮވާނެ. އަދި ކުޑަ ތެޔޮ ފޮދެއް ހުރުމުން ސީދާ ތެއްޔައް އަޅައި ފަސޭހަ ކަމާއެކު ވަގުތުން ކާނާ ތައްޔާރު ކޮއްލެވޭނެ. މީގެ އިތުރުން އޮންދަ ގޯގައި ސޭންޑުވިޗް، ޕަނީނޯ ފަދަ ތަކެތި ތައްޔާރު ކޮއްލެވޭނެ،" މިފްކޯއިން ބުންޏެވެ.

މިފްކޯއިން ބުނީ އަލަށް ތައާރަފް ކުރެވުނު އެ މަސްދަޅު ބާޒާރަށް ނެރޭނީ މި މަސްތެރޭގައި ކަމަށެވެ. އަދި މި ބާވަތުގެ މަސްދަޅު އޮލިވް އޮއިލް، ސަންފްލާވާ އޮއިލް އަދި ސޯޔާ ބީން އޮއިލް ފަދަ ތަފާތު ރަހަތަކުގައި އުފައްދާނެ ކަމަށެވެ.

މި މަސްދަޅުގެ ރަހަބެލުން ހުޅުމާލޭގައި މިހާރު ކުރިއަށްދާ ފުޑް އެން ބެވަރޭޖެސް ޝޯގައި ބެހެއްޓިފައިވާ މިފްކޯގެ ސްޓޯލުގައި ހަމަޖެހިފައިވާ ކަމަށްވެސް އެކުންފުނިން ބުންޏެވެ.