އީރާނުގެ ސަލާމަތީ ބާރުތަކުން މިހަފުތާގައި ވަނީ ގަލްފުގެ ތެރެއިން ގްރީސްގެ ދެ ތެޔޮޓޭންކަރެއް ހިފަހައްޓައިފައެވެ. މިފިޔަވަޅު އަޅާފައިވަނީ އިރާނުގެ ތެލާއިގެން ދަތުރުކުރި ރަޝިޔާގެ ތެޔޮޓޭންކަރެއް ގްރީސްގެ އައްސޭރީގައި އެގައުމުން ހިފަހައްޓާފައިވަނިކޮށެވެ. މިއަމަލުގެ ބަދަލު ގްރީސްގެ ކިބައިން ހިފާނޭކަމުގެ އިންޒާރު ދުރާލައި ދިނުމަށްފަހުގައެވެ. ކޮންމެ ބަޔަކުވެސް ބުނަމުންދަނީ އަނެއް ބަޔަކު ކަނޑުފޭރުމުގެ އަމަލެއް ހިންގީ ކަމުގައެވެ. މިކަން ހިނގާފައިވާ ގޮތަށް ބަލާއިރު ކަނޑުފޭރުމުގެ އަމަލެއް އެންމެ ފުރަތަމަ ހިންގާފައިވަނީ ގްރީސުންނެވެ. އީރާނުގެ ތެޔޮޓޭންކަރެއް ފޭރި އޭގައިވާ ތެޔޮ އެމެރިކާއާ ހަވާލުކުރުމުގެ އެއްވެސް ހައްގެއް ގްރީސްއަކަށް ނެތެވެ. އީރާނުން ރައްދު ފިޔަވަޅު އެޅީމާ ބަލަ ހޯހޯއޭ ތިޔައީ ކަނޑުފޭރުމުގެ އަމަލެކޭ ބުނަން އަމްދުން ފުރުސަތެއް ނެތެވެ.
ގްރީސްގެ ތެޔޮޓޭންކަރުތައް އީރާނުން ހިފެހެއްޓި ހިފެހެއްޓުމަކީ ކަނޑުފޭރުމުގެ އަމަލެއްކަމަށް ގްރީސުން ބުންޏަސް މިކަމަކީ އަދި އެޒާތަށް ހިނގާފައިވާ ކަމެއް ނޫންކަން ވަރަށް ސާފެވެ. އީރާނުން އެދިނީ މެސެޖެކެވެ. ޚާއްސަކޮށް އެމެރިކާޔާއި އެމެރިކާގެ ބައިވެރީންނަށެވެ. އީރާނުގެ ތެލާއި ތެޔޮޓޭންކަރުތައް އެއްވެސް ބަޔަކު އެއްވެސް ބޭނުމެއްގައި ހިފަހައްޓާނަމަ އޭގެ އަގު އަދާކުރަން ޖެހޭނެކަން އީރާނުން އެވަނީ ސާބިތުކޮށްދީފައެވެ. ބަދަލުހިފުމުގެ ކެރިކުޅަދާނަކަން އީރާނަށް ލިބިގެންވާކަމާއި އެކަން ކުރުމަށް ފަސްނުޖެހޭނޭކަންވެސް އެވަނީ އަންގައިދީފައެވެ. ތެޔޮޓޭންކަރުތައް ހިފެހެއްޓުމަކީ އޭގެ ޒާތުގައި އައުކަމެއްވެސް ނޫނެވެ. އީރާނުގެ ވެރިކަން 1979 ގައި ބަދަލުވެ ހުޅަނގާ ދެކޮޅު ސިޔާސަތެއް އީރާނުން ގެންގުޅެން ފެށި ހިސާބުން ތެޔޮޓޭންކަރުތައް ހިފެހެއްޓުމުގެ ކުޅިވަރުވެސް ވަނީ ފެށިފައެވެ.
ތެޔޮޓޭންކަރުތައް ފޭރުމުގެ ކަންކަން ހިސާބަކަށް މަޑުޖެހިފައި އޮތުމަށްފަހު އައު ބާބެއް އަނެއްކާވެސް ފެށުނީ އެމެރިކާގެ ރައީސްކަމުގައި ޑޮނަލްޑް ޓްރަމްޕު ހުންނެވި ދުވަސްވަރުގައެވެ. އެމެރިކާޔާއި އިނގިރޭސިވިލާތުން އީރާނުގެ ބޯޓުތައް ހިފަހައްޓަން ފެށުމާ ގުޅިގެން އީރާނުންވެސް ވަނީ ގަލްފާއި ހޮރުމުޒު ކަނޑުއޮޅިން އިނގިރޭސިވިލާތުގެ އެތައް ޓޭންކަރެއް ހިފަހައްޓައިފައެވެ. ޓްރަމްޕުގެ ވެރިކަން ނިމި ބައިޑެންގެ ވެރިކަން ފެށުމާއެކު އެކުރިމަތިލުންތަކަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް އަައެވެ. މިހާރު އަނެއްކާވެސް މިކުޅިވަރު ފެށުނީ އީރާނުގެ ނިއުކުލިއަރ އެއްބަސްވުން އަލުން އިއާދަކުރުމުގެ މަޝްވަރާތައްވެސް ކުރިއަށްދާ ދުވަސްވަރެއްގައެވެ. މިފަދަ ކުރިމަތިލުމެއްގެ ނޭދެވޭ އަސަރު އިތުރު އެތައް ކަމަކަށް ފޯރުމުގެ ފުރުސަތު އޮތް ދުވަސްވަރެއްގައެވެ.
ރަޝިޔާގެ ޓޭންކަރު ގްރީސްގެ އައްސޭރިން ހިފެހެއްޓުމަކީ އެންމެ ފުރަތަމަ ބެލެވުނު ގޮތުން އީރާނާ ދެކޮޅަށް އެޅުނު ފިޔަވަޅެއް ނޫނެވެ. އެ ޓޭންކަރަކީ ރަޝިޔާގެ ދިދަ ނަގާފައިވާ ޓޭންކަރަކަށްވުމުން ޔުކްރޭނުގެ މައްސަލައިގައި ޔޫރަޕުގެ އިއްތިހާދުން ރަޝިޔާއަށް ދަތިކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ކުރެވުނު ކަމަކީއެވެ. މަންޒަރާއި ވިސްނުން ބަދަލުވެގެންދިޔައީ ޓޭންކަރުގައި ހުރި އެއްލައްކަ ފަނަރަހާސް ޓަނުގެ ތެޔޮ އެމެރިކާއާ ހަވާލުކުރަން ގްރީސުން މަސައްކަތް ފެށި ހިސާބުންނެވެ. ޓޭންކަރުގައި ހުރީ އީރާނުގެ މުދަލެވެ. މި މުދައު އެމެރިކާއާ ހަވާލުކުރަން ނިންމީ އެމެރިކާގެ މާލިއްޔާގެ އެދުމަކަށް ކަމަށްވެސް ގްރީސުން ބުނެއެވެ. އީރާނުން ބުނާގޮތުގައި މިއީ ކަނޑުފޭރުމެވެ. މި ޓޭންކަރާއި އޭގައިވާ މުދާ ދޫކޮށްނުލައިފިނަމަ އިސާހިތަކު އޭގެ އަގު އަދާކުރަން ގްރީސްއަށް ޖެހިދާނެއެވެ.
އީރާނުގެ ތެޔޮ ޝިޕްމަންޓް ފޭރި އެ ޝިޕްމަންޓް އެމެރިކާޔާ ހަވާލުކުރަން ގްރީސުން ނިންމިއިރު އީރާނުގެ އައްސޭރިން ދަތުރުކުރަނީ ގްރީސްގެ ކިތައް ޓޭންކަރުކަން ގްރީސްއަށް ވިސްނައިނުލެވުނީކަމަށް ވެދާނެއެވެ. ގްރީސަށްވުރެ މާވަރުގަދަ އިނގިރޭސިވިލާތަށްވެސް މިކުޅިވަރުގައި އީރާނުގެ މައްޗަށް ކުރިނުހޯދުނުކަން ހަނދުމަނެތީ ކަމަށް ވެދާނެއެވެ. އީރާނު އޮންނަނީ ގަލްފުގެ އިރުމަތީ އައްސޭރީގައެވެ. ދުނިޔޭގެ ބާޒާރަށް ނެރޭ ތެލުގެ ބޮޑުބައެއް ދަތުރުކުރަނީ އީރާނުގެ އައްސޭރިންނެވެ. ގްރީސްގެ އެތައް ޓޭންކަރެއް ކޮންމެ ދުވަހަކުވެސް އީރާނުގެ އައްސޭރިން ހޮރުމުޒް ކަނޑުއޮޅިން ވަދެނިކުމެވެއެވެ. އީރާނު ބޭނުމިއްޔާ އެހުރިހާ ޓޭންކަރުތައްވެސް ހިފެހެއްޓިދާނެއެވެ. މިދިޔަ ހުކުރުދުވަހު އީރާނުން ގްރީސްއަށް އަންގައިދިނީ އެކަމެވެ.
ހުކުރުދުވަހު އީރާނުން ހިފެހެއްޓި ގްރީސްގެ ދެ ޓޭންކަރުގެ ތެރެއިން އެކަތި ހިފެހެއްޓީ ސީދާ އީރާނުގެ ކަނޑުގެ ސަރަހައްދުންނެވެ. އަނެއް ޓޭންކަރު ހިފެހެއްޓިކަމަށް ބުނެވެނީ ބައިނަލްއަގުވާމީ ސަރަހައްދުންނެވެ. ހެލިކޮޕްޓަރުގައި ގޮސް އީރާނުގެ އިންގިލާބީ ގާޑުން ހަތިޔާރާއެކު އެ ދެ ޓޭންކަރަށް ފައިބައި އެ ދެ އުޅަނދުވެސް ވަނީ އީރާނުގެ ބަނދަރަކަށް ގެންގޮސްފައެވެ. މިހާރު ބޯޅަ އޮތީ ގްރީސްގެ ކޮޅުގައެވެ. އީރާނުގެ ތެލުގެ ޝިޕްމަންޓް އެމެރިކާޔާ ހަވާލުކޮށްފިނަމަ ގްރީސްގެ ޓޭންކަރުތަކާއި ތެޔޮވެސް ގްރީސަށް ލިބުމެއް ނެތެވެ. އީރާނުގެ ޝިޕްމަންޓް ދޫކޮށްލައިފިނަމަ އީރާނުންވެސް ގްރީސްގެ ޓޭންކަރުތައް ދޫކޮށްލާނެއެވެ. ކަނޑުފޭރުމުގެ އަމަލެއް ހިންގައިގެން ގުދޫގުދޯ ގޮވިޔަކަސް މިކަމުގައި އީރާނުން ދޫދޭނެކަމަށް ނުބެލެވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ