އެސްޓީއޯ އިން 175 މިލިއަން ޑޮލަރު (2.7 ބިލިއަން ރުފިޔާ) ގެ ޓްރޭޑް ފައިނޭންސިން ފެސިލިޓީއެއްގައި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސިން ކޯޕަރޭޝަނާ (އައިޓީއެފްސީ) އާއެކު މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރެވެ. އައިޓީއެފްސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ހާނީ ސާލެމްއެވެ. މި އެއްބަސްވުމުގައި ސޮއިކުރީ މިސްރުގެ ޝަރަމުއްޝެއިހުގައި ކުރިޔަށްދާ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިއެސްޑީބީ) ގްރޫޕުގެ އަހަރީ ބައްދަލުވުމުގެ ތެރެއިންނެވެ.

ސައުދީ އަރަބިއްޔާގެ ޖެއްދާގައި ހުންނަ އައިއެފްޓީސީއިން މިއަދުކުރި ޓުވީޓެއްގައި ބުނީ، 175 މިލިއަން ޑޮލަރުގެ ޓްރޭޑް ފައިނޭންސިން ފެސިލިޓީ ރާއްޖެއަށް ދީފައިވަނީ ޒަރޫރީ މުދާ އެތެރެކުރުމަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ. އޭގެ ތެރޭގައި ތެލާއި ކަނޑާއި ބޭހާއި މެޑިކަލް އިކުއިޕްމަންޓްސް ހިމެނޭ ކަމަށް އައިއެފްޓީސީން ބުންޏެވެ.

އައިއެސްޑީބީގެ އަަހަރީ ބައްދަލުވުމަށް މިވަގުތު މިސްރުގައި ހުންނެވި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުވެސް ވަނީ އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި ބައިވެރިވެވައިގެންނެވިއެވެ.

ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ އެތެރެކުރުމަށް 175 މިލިއަން ޑޮލަރުގެ ޓްރޭޑް ފިނޭންސިން ފެސިލިޓީއެއް ދިނުމުން އެސްޓީއޯއިން ވަނީ އެކަމަށް ޝުކުރު އަދާކޮށް ޓްވީޓެއް ކޮށްފައެވެ.

އައިއެސްޑީބީ އިން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުވެސް އެސްޓީއޯއަށް ފައިނޭންސް ފެސިލިޓީގެ ދަށުން ފައިސާ ދީފައެވެ. އެފަހަރު ދިނީ 75 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) އެވެ. އެފަހަރުވެސް ދިނީ ތެލާއި ކާޑުގެ ބާވަތްތައް ގަތުމަށެވެ.