ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް (ޕޮލިސް ކޮލެޖް)ގެ ވެރިއަކަށް ޗީފް ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް އަހްމަދު ޝިފާން އައްޔަނުކޮށްފިއެވެ.
ޝިފާން މީގެ ކުރިން ހުންނެވީ މާލޭ ސިޓީ ފުލުހުންގެ ވެރިއަކަށެވެ. އޭނާ ވަނީ ފުލުހުންގެ ތަރުޖަމާނުގެ މަގާމުވެސް އަދާކުރައްވައިފައެވެ.
ފުލުހުން މިއަދު ބުނީ، ޝިފާންގެ ބަދަލުގައި މާލޭ ސިޓީ ފުލުހުންގެ ވެރިއަކަށް ހަމަޖައްސާފައިވަނީ ސްޕެޝަލިސްޓް ޓެކްޓިކަލް ރެސްޕޮންސް އިސްވެރިޔަކަށް ހުންނެވި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ކަމަށެވެ.
ސަމީރުގެ ބަދަލުގައި ސްޕެޝަލިސްޓް ޓެކްޓިކަލް ރެސްޕޮންސް އިސްވެރިޔަކަށް ހަމަޖެއްސީ ހައި ވިޒިބިލިޓީ ޕޮލިސިންގެ އިސްވެރިޔަކަށް ހުންނެވި ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު ސަބާހު ކަމަށް ފުލުހުން ބުންޏެވެ.
އައްޑޫ ސިޓީގައި ހުންނަ ޕޮލިސް ކޮލެޖު މިއަހަރު ވަނީ ހުޅުވައިފައެވެ. އަދި މިދިޔަ އެޕްރީލް މަހުގެ ފަސް ވަނަ ދުވަހު ވަނީ އެ ކޮލެޖުގައި ކިޔަވައި ދޭން ފަށައިފައެވެ.
އެ ކޮލެޖުގައި އެންމެ ފުރަތަމަ ފަށާފައިވާ ކޯހަކީ ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަން ކޯހެވެ. އެ ކޯހުގައި ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގައި ހިމެނޭ ތ އަދި ލ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި ސައުތު ޕޮލިސް ރީޖަންގައި ހިމެނޭ ގއ، ގދ. އަތޮޅާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން 27 އިންވެސްޓިގޭޝަން އޮފިސަރުން ބައިވެރިވެއެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޑިޕްލޮމާ އިން ކުރިމިނަލް އިންވެސްޓިގޭޝަން ކޯހުގައި އެކަޑަމިކް ރައިޓިން އާއި ލޯ އެންޑް ހިއުމަން ރައިޓްސް އާއި ކުރިމިނޮލޮޖީ އަދި ކުރިމިނަލް ޖަސްޓިސް ސިސްޓަމާއި އިންޓެވިސްޓިގޭޝަން ސްޕެސިފިކް ކުރައިމްސް އާއި އިންވެސްޓިގޭޝަން މެނޭޖުމަންޓް ފަދަ ތަހުގީގާ ގުޅުންހުރި މޮޑިއުލްތައް ކިޔަވައިދިނުމަށްވަނީ ހަމަޖެހިފައެވެ.
ޕޮލިސް ކޮލެޖެއް އެޅުމުގެ މަޝްވަރާ އެންމެ ފުރަތަމަ ފަށާފައި ވާނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. މަޝްވަރާގެ ކަންކަން ނިމި ޕޮލިސް ކޮލެޖުގެ އެޅުމުގެ މަސައްކަތުގެ އެއްބަސްވުމުގައި އިންޑިއާއެކު ސޮއިކުރީ 2012 ވަނަ އަހަރުއެވެ. ޕޮލިސް ކޮލެޖު އެޅުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު