ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކޮމިއުނިޓީ ފަންޑުގެ މިއަހަރުގެ ދެވަނަ ފިޔަވާހީގައި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު މިފަހަރު ހުޅުވައިލައިފައި ވަނީ ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށް އެކަންޏެވެ.

ބީއެމްއެލް އިން ބުނީ ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50،000 ރުފިޔާ ދިނުމަށް ކަނޑައެޅިފައިވާ ކަމަށެވެ.

ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލާ ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖޫން މަހުގެ 18 ވަނަ ދުވަހުގެ ރޭ 11:59 އެވެ. ޕްރޮޕޯސަލް އާއި އެޕްލިކޭޝަން ފޯމު [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. ބީއެމްއެލް އިން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 65 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފަ އެވެ.